23:39

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ބޮޑު ގަތުލްއާންމެއް ހިންގާ މައްސަލާގައި ޔަހޫދީ އިސްރާއީލާއި ދެކޮޅަށް ދުނިޔޭގެ ކޯޓުގައި ދެކުނު އެފްރިކާ އިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އައިލޭންޑުން ވަދެއްޖެ. އައިލޭންޑުން ވަނީ މި މައްސަލައިގައި އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާ އާއި އެކީ މަސައްކަތް ކުރަން ނިންމާފަ. މި ނިންމުމަށް އދ އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މައްދޫބު ފުރެންސެސްކޯ އަލްބަނީސް ވަނީ މަރުހަބާ ކިޔާފަ.

22:32

ޣައްޒާގައި ޔަހޫދީ އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ މުޖާހިދުންނާއި ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުން އެބަދޭ. ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ވިންގް ކަމަށްވާ ޤައްސާމް ބުރިގޭޑުން ބުނެފައިވަނީ ހަމާސްގެ މުޖާހިދުން ވަނީ ޣައްޒާގެ ހުޅަނގުގައި އޮންނަ ތާލް އަލް ހަވާ އަވަށް ކައިރިން ޔަހޫދީ އަސްކަރިއްޔާގެ މަރްކަވާ-4 ގެ ޓޭންކަކަށް ހަމަލާދީފައި ކަމަށް.

ޣައްޒާގައި ހަރަކާތްތެރިވާ އެހެން ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ވެސް ވަނީ އެ ޖަމާއަތުގެ މުޖާހިދުންނާއި ޔަހޫދީންގެ އަސްކަރިއްޔާގެ އަނިޔާވެރި ސިފައިންނާއި ދެމެދު ޚާން ޔޫނުސްގެ އުތުރުގައިވާ އަލް ޤަރާރާ ސަރަހައްދުގައި ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރެވެމުންދާ ކަމަށް.

21:30

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ސުކޫލުތަކަށް ހަމަލާދިނުމަށް ފަހު އެތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައިވާ ކަމަށް އދ އިން ބުނެފި. ޔަހޫދީން ދަނީ ޣައްޒާގެ ސުކޫލުތައް ހަލާކު ކޮށް އެތަންތަނުގައި ޔަހޫދީންގެ އަސްކަރިއްޔާގެ މަރުކަޒު ތައް ހަދަމުން ކަމަށް ވެސް އދ އިން ބުނެފައިވޭ. ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ 67 އިންސައްތަ ސުކޫލުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ.

20:41

ޣައްޒާގެ އުތުރުގެ ޣައްޒާ ސިޓީގެ ޝުޖާއްޔާ އަވަށުގައި އާންމުންގެ ވެހިކަލަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ އަށް މީހަކު ޝަހީދުވެއްޖެ

20:36

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރުހުން ދީފި

20:29

ފަލަސްތީނުގެ ޣައްޒާގައި ހަމާސްގެ ހިތްވަރުގަދަ މުޖާހިދުން އިސްރާއީލުގެ ނިރުބަވެރިންގެ އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރާލައިފި

20:10

ޣައްޒާގެ އުތުރުގެ ބައެއް ސަރަޙައްދުތަކުގައި ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފި.

އެންކްލޭވްގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި އަދިވެސް ބަނޑުހައިހޫނުކަން އުފެދިފައި ނުވި ނަމަވެސް އަދިވެސް ނުރައްކަލެއް އޮތް ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލް ނިއުސް އެޖެންސީއަށް ބުނެފައިވޭ.

އޮފިޝަލް ބުނި ގޮތުގައި އިންސާނީ ހާލަތު ގޯސްވުމުގެ މާނައަކީ ބައިނަލްއަގުވާމީ މުޖުތަމައުން "ވަގުތުން" ކާބޯތަކެތީގެ ބާވަތްތައް "އުތުރަށް ސްކޭލްގައި" ގެންދަން ޖެހޭ ކަން.

 

20:08

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހަމާސް ޖަމާއަތާ އެކު މެދުކެނޑުމެއްނެތި މަޝްވަރާތައް ފެށުމަށް އިސްރާއީލުގެ މޮސާދާއި ޝިން ބެޓްގެ އިސްވެރިންނަށް ފެހި ސިގްނަލް ދީފަައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެފި

20:07

ފަލަސްތީނުގެ ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގެ ޕޮލިސް ސްޓޭޝަނަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 17 މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސަރުކާރުން ބުނެފި.

19:42

އިސްރާއީލުން ޣައްޒާއަށް ދިން ޖިނާއީ ހަމަލާއާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ފަސް މީހަކު އިސްރާއީލު ފުލުހުން ހިފަހައްޓައި، އެހެން މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް އިސްރާއީލުގެ ވެރިކަމާ ދެކޮޅު ޖަމާއަތެއް ކަމަށްވާ ފްރީ ޖެރޫސަލަމް މޫވްމަންޓުން ބުނެފި.

އެ ޖަމާއަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ގުދުސްގެ ޕެރިސް ސްކޮއާގައި އިސްރާއީލް ސިފައިން މުޒާހަރާގެ ބައިވެރިންތަކެއް ހިފަހައްޓައި، ތަޅައި، ގަދަކަމުން ހުއްޓުވާ މަންޒަރު ފެންނަ މަންޒަރުތައް އާންމުކޮށްފައި.

19:41

ބުރާސްފަތި ދުވަހު ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން އާ ވަގުތީ ފިޔަވަޅުތަކެއް އެޅުމަށް ނިންމި ނިންމުމަކީ ޣައްޒާގެ އިންސާނީ ހާލަތު އިންސާނުން އުފެއްދި އަދި ގޯސްވަމުންދާ ކަމެއްކަން ވަރަށް ބޮޑަށް ހަނދާންކޮށްދޭ ނިންމުމެއް ކަމަށް އދ.ގެ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ވިދާޅުވެއްޖެ.

19:40

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ މުޒާހަރާކުރާ ފަރާތްތަކުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިއުޔޯކްގައި އަލުން އިންތިޚާބުވުމަށް ކުރާ ކެމްޕެއިނަށް ފަންޑްރައިޒަރަށް ހުރަސް އަޅައިފި.

 

19:39

ލުބުނާނުގެ ދެކުނުގައި ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ހިޒްބުالله ގެ ލީޑަރަކީ އެ ޖަމާއަތުގެ ރޮކެޓް އެންޑް މިސައިލް ޔުނިޓްގެ ޑެޕިއުޓީ ހެޑް އަލީ އަބްދުލް ހަސަން ނައީމް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

17:41

ޣައްޒާގެ ހުޅަނގުގެ އަލްވެހްދާ މަގުގައި ހުންނަ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 10 މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި.

16:59

ލުބުނާނުގެ އަސްކަރީ ސަލާމަތީ މަސްދަރަކުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ އެގައުމުގެ ދެކުނުގައި ކާރަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހިޒްބުﷲގެ އޮފިޝަލަކު ޝަހީދުވެފައިވާ ކަމަށް.

16:59

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އެ ޖަމާއަތުގެ ހަ މެމްބަރަކު ޝަހީދުވެފައިވާ އިއުލާނުކޮށްފި.

ޓެލެގްރާމްގައި އެ ގްރޫޕުން ވަނީ ޝަހީދުވި މީހުންގެ ތެރޭގައި އަހްމަދު ޖަވާދު ޝެހިމީ، މުސްތަފާ އަހުމަދު މައްކީ، އިބްރާހިމް އަލް ޒީން، އަލީ މުހައްމަދު އަލް ހަފް، މުސްތަފާ އަލީ ނާސިފް އަދި އަލީ އަބްދުލް ހަސަން ނައީމްގެ ނަން ތައް އިއުލާނުކޮށްފައި.

އިސްރާއީލުގެ އަސްކަރިއްޔާއިން ސީރިޔާ އުތުރުގެ ސިޓީއެއް ކަމަށްވާ އަލެޕޯގައި ރޭގެ ވަގުތެއްގައި އަމާޒުހިފާފައިވާ އަމާޒަކަށް ވައިގެ ހަމަލާތަކެއް ދީ އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ.

16:54

އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފި.

އެކްސްގައި އޭނާ ވިދާޅުވީ އދ.ގެ އެޖެންސީތަކުން ޣައްޒާއަށް ލިބެމުންދާ ހިތާމައިގެ ބިރުވެރި ވާހަކަތައް ކިޔައިދެމުން އަންނަ ކަމަށް.

"އިސްރާއީލަށް ހަތިޔާރު ދައުރުވުން ހުއްޓާލަން ޖެހޭ. މި ކާރިސާ ނިމުމަކަށް ގެނައުމަށް އިސްރާއީލަށް މަޖުބޫރުވާން ޖެހޭ. މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އިންސާނީ އަސާސްތަކުން އެދޭ ކަންކަން،" އޭނާ ވިދާޅުވި.

16:52

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލް ކައިރީގައި އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުން.

ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ޤަސާމް ބްރިގޭޑުން ބުނީ އެ ޖަމާއަތުން އިސްރާއީލު ސިފައިންނަށް އަމާޒުކޮށް އެ ކޮމްޕައުންޑް ކައިރީގައި ހަމަލާދީ އޭގެ ތެރެއިން އެތައް ބަޔަކު މަރާލައި ޒަހަމްކޮށްލާފައިވާ ކަމަށް.

16:31

އިސްރާއީލުން އަޅާފައިގާ ހަރުކަށި ފިޔަވަޅުތަކާއި ހުރަސްތަކާއެކުވެސް ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ އަލްއަޤްޞާ މިސްކިތް ކައިރީގައި ހުކުރު ނަމާދުކޮށްފި

16:00

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 32،623 އަށް އަރައިފި.

15:38

ހިފާފައިވާ ގޯލާން ހައިޓްސްގެ އުތުރުން ހިފާފައިވާ ޝެބާ ފާމްތަކުގެ ޒިބްދީން ބެރެކްތަކަށް ވަކިވަކިން ދެ މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެފި.

15:37

ސީރިޔާގެ އުތުރުގެ ސިޓީއެއް ކަމަށްވާ އަލެޕޯއަށް އިޒްރޭލުން ރޭ ދިން ވައިގެ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ސީރިއާގެ އިސްތިގުލާލާ ހިލާފު ކަމެއް ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފި.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ އޮޕަރޭޝަންތަކަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އެކަން ކުށްވެރި ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާ ކަމަށް.

15:35

އިސްރާއީލުގެ އުތުރުގައި އޮންނަ ކިރިޔަތު ޝްމޯނާ، ޓެލް ހޭ، ބެއިޓް ހިލެލް އަދި މަޔާން ބަރޫޗްގެ އާބާދީތަކުގައި ވައިގެ އިންޒާރުގެ ސައިރަން އަޅުވާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި.

ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ ލުބުނާނުގެ ހިޒްބުالله ޖަމާއަތާއި އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ އެ މީހުންގެ ބޯޑަރު ސަރަހައްދުގައި ހަމަލާތައް ބަދަލުކުރަމުން.

15:34

ސީރިއާގެ އުތުރުގެ އަލެޕޯ ޕްރޮވިންސަށް އިސްރާއީލުން މިއަދު ދިން ވައިގެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 42 އަށް އަރާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި.

ހިޒްބުالله ހަތިޔާރު ޑިޕޯއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާގައި 42 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ ހަ މީހުން ހިމެނޭ ކަމަށާއި ސީރިއާގެ 36 ސިފައިން ވެސް ހިމެނޭ ކަމަށް ހަނގުރާމައިގެ މޮނިޓަރުން ބުނޭ.

13:35

އިސްރާއީލުން ލުބުނާންގައި ދަތުރު ކުރަމުން ދިޔަ ކާރަކަށް ހަމަލާދީ އެކަކު ޝަހީދުކޮށްލައިފި. މި ހަމަލާއާ ގުޅިގެން ރޯވެފައިވާ ކާރުގެ ވީޑިއޯ މިހާރު ވަނީ އާންމުވެފައި. އެމްބިއުލާންސް އެ ސަރަހައްދަށް ގޮސް ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވޭ.

13:33

އިސްރާއީލުން ރޭގައި ވެސް ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ރެއިޑްތަކެއް ހިންގާފައި.

13:33

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އަލް-ޝިފާގައި ކުރިއަށް އޮޕަރޭޝަން މިހާރު ވެސް ހިނގަމުން އަންނަ ކަމަށް. އެކްސްގައި ޕޯސްޓެއްގައި ބުނީ ހަނގުރާމަތީ ޖެޓުތައް ބޭނުންކޮށްގެން މުޖާހިދުންނަށް ހަމަލާދީ ޝަހީދުކޮށްލައި، ހަތިޔާރު ހުރި ތަންތަނާއި އަސްކަރީ އިންފްރާސްޓްރަކްޗާތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް.

އިސްރާއީލަށް ފޮނުވާލަން އުޅުނު ގިނަ އަދަދެއްގެ ރޮކެޓުތަކެއް ހުރި ތަނެއް ވެސް ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނޭ.

މީގެއިތުރުން ހާން ޔޫނުސްގައި ވެސް ރެއިޑްތަކެއް ހިންގައި ފަލަސްތީނުގެ މުޖާހިދުން ޝަހީދުކޮށްލާފައިވާނެ ކަމަށް ބުނެފައިވޭ.

11:38

އިސްރާއީލުން ޖަބަލިއާގައި ހުންނަ ސާދު ބިން އަބީ ވަކާސް މިސްކިތަށް ހަމަލާ ދީފި. މި ހަމަލާގައި ފަލަސްތީނުގެ ދެ މީހަކަށް އަނިޔާ ލިބިފައިވޭ. މި ހަމަލާގެ ސަބަބުން ކައިރީގައި ހުރި އިލެކްޓްރިކަލް އެޕްލިއަންސަސް ސްޓޯރުގައި ވެސް އަލިފާން ރޯވެފައިވޭ.

11:36

ފަލަސްތީނުގެ ނޫސްވެރިން ކުރާ މަސައްކަތް އިނގިރޭސި ވިލާތުގެ ބަޔަކު ބަލައިގަނެ، އެ ގައުމުގެ މަގެއްގައި ކުރަހާފައިވާ ކުރެހުމެއް.

 

11:21

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ނިރުބަވެރި ސިފައިން ސީރިއާ އަށް ވައިގެ މަގުން ހަމަލާދީ 38 މީހުން ޝަހީދުކޮށްލައިފި.

11:15

އިސްރާއީލުން ސީރިއާގެ އަލެޕޯ އަށް ވައިގެ މަގުން ހަމަލާދީ އާންމުންގެ ބަޔަކާއި އަސްކަރިއްޔާގެ ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ސީރިއާގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފި. މި ހަމަލާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 33 އަށް އަރާ ކަމަށް ރިޕޯޓުތައް ބުނޭ.

11:12

ޣައްޒާގެ މެދު ތެރޭގައި ހުންނަ މަގާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައި.

11:11

އުރުދުންގެ ރައްޔިތުންތަކެއް އެ ގައުމުގެ އިސްރާއީލް އެމްބަސީ ކައިރީގައި މުޒާހަރާ ކުރަމުން އަންނަތާ މިއަދަށް މިއީ ފަސް ވަނަ ދުވަސް. އެމީހުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި. އަދި އިސްރާއީލްގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދަނީ އަޑު އުފުލަމުން.

 

10:30

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ބުނެފައި ވަނީ ހޫތީންގެ ހަތަރު ޑްރޯނެއް ހަލާކުކޮށްލާފައިވާ ކަމަށް.

10:09

ޣައްޒާގެ މެދުތެރޭގައި ހުންނަ މަގާޒީ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި ހަ މީހުން ޝަހީދުކޮށްލައިފި.

10:00

ހަނގުރާމައިގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް:

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގެ ރަފަހަށް އެރުމަށް ތައްޔާރުވަމުންދާ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ނަތަންޔާހޫ އެގޮތަށް ބުނެފައި ވަނީ ޣައްޒާގައި ތިބި އިސްރާއީލްގެ ސިފައިންގެ ގާތް މީހުންތަކަކާ އެކުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ނަތަންޔާހޫ ބުނެފައި ވަނީ ޣައްޒާ އަށް ގެންދިޔަ އަސީރުން މިނިވަން ކުރެވޭނީ އަސްކަރީ ގޮތުން ޕްރެޝަރުކޮށްގެން ކަމަށެވެ. އަދި އަސްކަރިއްޔާ އިން މިހާރު ތައްޔާރުވަމުން ދަނީ ރަފަހަށް އެރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ނަތަންޔާހޫ ބުނި ގޮތުގައި އަސްކަރިއްޔާ އިން ވާނީ ޣައްޒާގެ އުތުރާއި ޣައްޒާ ސިޓީ އަދި ހާން ޔޫނުސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. އަދި ކުރިއަށް އޮތީ ރަފަހަށް އެއްގަމު މަގުން އެރުން ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އާއި އެއާ ގުޅިގެން ހިނގާ ކަންތައްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔުންތެރިޔާ

    މިހާރު މި ފެންނަ މަންޒަރުތަކުން އިސްރާއިލް ބޭނުންގޮތެއް ހަދާނެ. އަހަރުމެން ތިބެންޖެހޭނީ އެމީހުންކުރާ ކަންކަން ބަލަން. މިކަމަށް ބަދަލެއް އަންނަ އެއްވެސް ތަނެއް އަދި ނުފެނޭ. މުޅިންވެސް ފެންނަނީ އެ ޓެރަރިސްޓުން މޮޅުވާތަން.

    2
    2
  2. ނަތަނަ

    ގުޑު