ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހްގެ އިމާރާތަކަށް ހަމަލާދީ 12 މީހަކު ޝަހީދުކޮށްލައިފިއެވެ.

ރަފަހްއަކީ ފަލަސްތީނުގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ބައިބޯ ތަނެކެވެ.

އަލްހަޒީރާ އަރަބިކް އިން ބުނީ ރަފަހްގެ އުތުރުގައި އޮންނަ ހޭ އަލް ނަސްރުގެ މީހުން ދިރިއުޅޭ އިމާރާތަކަށް މިއަދު ފަތިހު ދިން ވައިގެ ހަމަލާއެއްގައި 12 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޝަހީދުވި މީހުން މިހާރު ވަނީ ޚާން ޔުނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަލްޖަޒީރާގެ ކޮރެސްޕޮންޑެންޓުންނަށް ފެނުނީ ޒަހަމްވި އެތައް ކުދިންނެއް މެޑިކަލް ފެސިލިޓީއަށް އަންނަ މަންޒަރު ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގެ ރަފަހަށް އެރުމަށް ތައްޔާރުވަމުންދާ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދާދި ފަހުންވެސް ބުނެފައެެވެ.