މީގެ ހަތަރު އަހަރު ކުރިން، 2020 ވަނަ އަހަރުން ފެށިގެން ކުރިއަރަމުން އައި މަހުޖަނު އިލޮން މަސްކުގެ ޓެސްލާ ވިޔަފާރި މިއަހަރު ފުރަތަމަ ކުއާޓާގައި ދަށްވެއްޖެއެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ފުރަތަމަ ކުއާޓާގައި ޓެސްލާގެ 386،810 ވެހިކަލް ވަނީ ޑެލިވަރީކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު 8 އިންސައްތަ މަދު އަދަދެކެވެ. އަދި މިދިޔަ އަހަރު ފަހު ކުއާޓާ އާ އަޅާބަލާއިރު 20 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރު ފަހު ކުއާޓާގައި އެ ކުންފުނިން 484،507 ވެހިކަލް ޑެލިވަރ ކުރެވުނު ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ނަމަވެސް މިއަހަރު ކުރީ ކޮޅަށް ވިކޭނެ ކަމަށް އެކުންފުނިން ލަފާކުރީ 449،080 ޑެލިވަރީއެވެ.

އެ ކުންފުނިން ނެރުނު ރިޕޯޓުގައިވާ ގޮތުން މި ކުއާޓާގައި ވިޔަފާރި ދަށްވީ ޖަރުމަނުގެ ބާލިންގައި ހުރި ޓެސްލާގެ މައި ފެކްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބާލިންގެ ފެކްޓްރީތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުންނާއި ރަތް ކަނޑުގެ ޝިޕިންއަށް ޙޫޘީން ހުރަސްއެޅުމުގެ ސަބަބުން ދެ ހަފުތާގެ މުއްދަތަށް ޕްރޮޑަކްޝަން ހުއްޓިފައި އޮތުމުންނެވެ. އޭގެއިތުރުން އެ ކުންފުނިން އަޕްޑޭޓް ކޮށްފައިވާ މޮޑެލް 3 ގެ އާލީ ޕްރޮޑަކްޝަން ރޭމްޕުގެ ސަބަބުންވެސް ވިޔަފާރި ވަނީ ދަށަށް ގޮސްފައެވެ.

ރިޕޯޓުގައި ބުނާގޮތުން މިއަހަރު މިހާތަނަށް ޓެސްލާއިން ވަނީ 433،371 ވެހިކަލް އުފައްދާފައެވެ. އެއީ މޮޑެލް 3-އެސްގެ 412،376 އަދި މޮޑެލް ވައިއެސް ޕްލަސް 20،995 އެވެ. މޮޑެލް 3-އެސް އަދި މޮޑެލް ވައި ވެހިކަލްތަކުގެ ތެރެއިން 369،783 އުޅަނދު ޑެލިވަރީ ކުރި ނަމަވެސް ސައިބާ ޓްރަކް ޑެލިވަރީގެ ތަފާސް ހިސާބުތައް ހާމަކޮށްފައެއް ނުވެއެވެ.

އެ ކުންފުނިން ވަނީ މިމަހު ފުރަތަމަ ދުވަހު އެ ކުންފުނީގެ ހުރިހާ މޮޑެލް ވައި ޓްރިމްތަކެއްގެ އަގުން 1،000 ޑޮލަރު ދަށް ކޮށްފައެވެ. އަދި މިއަހަރު އެ ކުންފުނީގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް މަސްކު ވަނީ ލަފާކޮށް އިންވެސްޓަރުންނަށް އެކަން އަންގާފައެވެ. އެހެންކަމުން ޓެސްލާގެ އެފްއެސްޑީ ޑްރައިވަރު-އެސިސްޓެންސް ސިސްޓަމް ހިލޭ ޓްރަޔަލްކުރުމާއި، ވެހިކަލްތައް އަގު ހެޔޮވާނެ ކަމުގެ އިޝާރާތެއް ދިނުމަށްފަހު ގިނަ ޕްރޮމޯޝަންތައް ޖައްސައިގެން ވިޔަފާރި ރަނގަޅު ކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޓެސްލާގެ ވިޔާފަރި ދަށްވެފައި މިވަނީ ޓެސްލާ ގެ މާސް މާކެޓް މޮޑެލްސް 3/Y ގެ ކުރިއެރުމާއި 2025 ވަނަ އަހަރުގެ ފަހުކޮޅު އެއަށްވުރެ އަގުހެޔޮ އީވީއެއް އަންނާނެ ކަމަށް ބެލެވޭ ވާހަކަތަކުގެ ސަބަބުންވެސް މަޑުޖެހުމަކަށް ޓެސްލާ ދަތުރުކުރަމުންދާ ކަމުގެ އިންޒާރު ސީއީއޯ އެލޮން މަސްކް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.