މި އަހަރު ރިކޯޑް ކުރެވުނު އެންމެ ބާރުގަދަ ތޫފާން މަންޚޫތު ގައި ފިލިޕީންސް އިން މިހާތަނަށް 25 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ތޫފާނުގައި ފަރުބަދަމަތީގެ ސަރަހައްދުތަކުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ މީހުން މަރުވިއިރު ފިލިޕީންސްގެ ދެކުނު ސަރަހައްދު ތަކުގެ ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކެއްގައި ފެންބޮޑުވެފައެވެ.

މަންޚޫތުގެ ނަމުން ނަންދީފައިވާ މި ތޫފާނަކީ މި އަހަރު މިހާތަނަށް ފިލިންޕިންސް އަށް އަރާފައިވާ އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާނުގައި ދަނީ ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހެމުންނެވެ. ތޫފާނުގެ ސަބަބުން އެކި ހިސާބުތަކުގައި ކަރަންޓް ކެނޑިފައިވާއިރު އެކި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ.

މި ތޫފާންގައި ގަޑިއަކު 125 މޭލު ބާރު މިނުގައި ވައިޖެހުމުންދާއިރު ފިލިޕީންސްގެ ލުޒޯން ސަރަހައްދުގައި ދިރިއުޅޭ ހަތަރު މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ މިހާރު ރައްކާތެރި ހިސާބުތަކަށްވަނީ ބަދަލުކުރެވިފައެވެ.

ތޫފާނުގައި ހާލުގައި ޖެހުނު އެތަށް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު ތުފާންގައި ބޮޑެތި ގެއްލުންތަށް އެ ސަރަހައްދަށް ކޮށްފައިވާ ކަމަށް ވެއެވެ.ތޫފާނުގެ ސަބަބުން ލުޒޯން ސަރަހައްދުގެ ކަރަންޓް ކެޑިފައިވާއިރު، އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުން ވެފައެވެ.

މި ތޫފާނުގައި ކަރަންޓު ފޯރުކޮށްދޭ ނިޒާމަށާއި މަގުތަކަށާއި ދަނޑުބިމަށާއި އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. އަދި ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

މިތޫފާނުގެ ސަބަބުން ދަތުރު ފަތުރު ވެސް ވަނީ ހުއްޓިފައެވެ. އެ ގޮތުން ފިލިޕީންސްގެ އެކި ބަނދަރުތަކުގައި 15000 ވަރަކަށް މީހުން ވަނީ ތާށިވެފައެވެ.

ފިލިޕީންސް ސަރަހައްދުގައި އުފެދުނު މި ތޫފާން އެ ގައުމުގެ ބައެއް ޖަޒީރާތަކަށް އަރައިފާނެ ކަމަށް ދުރާލައި ވަނީ އިންޒާރު ދީފަ އެވެ. އަދި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ލަފާ ކުރެވޭ ސަރަހައްދުތަކުގައި އިއްޔެއިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފަ އެވެ.

އާންމުގޮތެއްގައި ކޮންމެ އަހަރަކު ވެސް ފިލިޕީންސަށް ވިއްސަކަށް ތޫފާން އަރައެވެ. ފިލިޕީންސަކީ ދުނިޔޭގެ ނިސްބަތުންވެސް ތޫފާން އެރުން ގިނަ ގައުމެކެވެ. ފަހުގެ ތާރީހެއްގައި ފިލިޕީންސަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާން އެރީ 2013 ވަނަ އަހަރުއެވެ. އެ ތޫފާނުގައި 7300 މީހުން މަރުވިއެވެ.