ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަރުގަދަ ރެއިޑްތަކެއް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެގޮތުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި އަވަށް ތަކަށާއި އާބާދުތަކަށް ގަދަ ކަމުން ވަދެ އާންމުން ދިރިއުޅެމުންދާ ގެ ތަކުން އެމީހުން ގަދަ ބާރުން ނެރެ އެ ގެ ތައް ބަލައި ފާސްކުރުމުގެ ނަމުގައި އެ ގެތައް އެފުށް މިފުށަށް ޖަހަމުންނެވެ. އަދި މި ރެއިޑްތަކުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ ގެ ތަކުގައި ގެންގުޅޭ އެކި އެކި ސާމާނުތައް ހަލާކު ކުރަމުން ކަމަށް ވެސް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ވަރުގަދަ ރެއިޑްތައް ފަށާފައި ވަނީ ރޭ ފަތިހު ކަމަށް ވަފާ ނިއުސް އެޖެންސީ އިން މައުލޫމާތުދެއެވެ. އެ އެޖެންސީ އިން ބުނި ގޮތުގައި ޔަހޫދީ ސިފައިން އާންމުން ދިރިއުޅޭ ގެ ތަކަށް ވަދެގަނެފައި ވަނީ މީހުން ނިދާފައި ތިއްބާ ކަމަށެވެ.

ޔަހޫދީންގެ މި އަނިޔާވެރި ރެއިޑްތަކުގެ ސަބަބުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމުއްﷲ ސަހަރުގެ ހުޅަނގުގައި އޮންނަ ބެއިތް ސެރާ އަވަށުގައި ޔަހޫދީ އަސްކަރިއްޔާގެ އަނިޔާވެރި ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ދެމެދު ކޮންމެ ވެސް ވަރެއްގެ ކުތިމަތިލުންތަކެއް ހިނގާ ހަމަނުޖެހުން ހިނގާފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާ ތަކުން ބުނެއެވެ. މި ކުރިމަތިލުން ތަކުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި ދިމާލަށް ސުޓަން ގުރެނޭޑް އާއި ކަރުނު ގޭހުން ހަމަލާދީފައެވެ.

ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގައި އޮންނަ ތުލްކުރަމް ސަހަރުގެ އުތުތުގައިވާ އިލާރު އަވަށުގައި ވެސް ރެއިޑްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ޖުރޫސަލަމް ސަހަރުގެ އުތުރުގައި އޮންނަ ހިޒްމާ އަވަށުގައި ވެސް ޔަހޫދީ އަސްކަރިއްޔާ އިން ވަނީ ރެއިޑަތައް ކުރިއަށް ގެންގޮސްފައި ކަމަށާއި ހިޒްމާ އަވަށުގައި ކުރިއަށް ގެންދިޔަ ރެއިޑް ގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ 22 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފައި ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އިން ވަނީ ރިޕޯޓްކޮށްފައެވެ.