ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގައި މިއަދުވެސް ހޫނުގަދަވެ، އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ސިއްހީ އިންޒާރުތައް ދޭން ފަށައިފިއެވެ.

އާދަޔާ ހިލާފަށް ހޫނު މޫސުމުގެ ރާޅެއް ފާއިތުވި ހަފުތާގައި އެ ސަރަހައްދަށް ވަނީ ކުރިމަތިވެފައެވެ. އަދި ހޫނުމިން 45 ޑިގްރީ ސެލްސިއަސް (113 ޑިގްރީ ފެރެންހައިޓް) އަށް ވުރެ މައްޗަށް ގޮސް، އެތައް ހާސް ސްކޫލަކުން ދަރިވަރުން ގޭގައި ތިބުމަށް އަންގާފައި ވެއެވެ.

މިގޮތުން ފިލިޕީންސްގެ ވެރިރަށް މެނީލާގައި ރެކޯޑް އަދަދަކަށް ހޫނުގަދަވި ދުވަހަށް ފަހު، ސަރުކާރުގެ ހުރިހާ ސްކޫލެއްގައި، ސްކޫލަށް ހާޒިރު ވެގެން ކިޔަވާ ދިނުމުގެ ކްލާސްތައް ދެ ދުވަހަށް މެދުކަނޑާލަން ވަނީ ނިންމާފައެވެ.

މިއަހަރުގެ މިހާތަނަށް ހީޓްސްޓްރޯކް ޖެހިގެން 30 މީހުން މަރުވެފައިވާ ތައިލެންޑުގެ އުތުރުގެ ޕްރޮވިންސެއްގެ ފިނިހޫނުމިން ހޮނިހިރު ދުވަހު 44.1 ސެލްސިއަސް (111.4އެފް) އަށް ވުރެ މައްޗަށް ދިއުމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ "ސީރިއަސް ހާލަތެއް" ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކެމްބޯޑިއާ، މިޔަންމާ، ވިއެޓްނާމް، އިންޑިއާ އަދި ބަންގްލަދޭޝްގެ ހޫނުމިން ކުރިއަށް އޮތް ދުވަސްތަކުގައި 40 ސެލްސިއަސް އަށް ވުރެ މައްޗަށް އަރާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

މިދިޔަ އަހަރު ދުނިޔޭގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު، އދ.ގެ މޫސުމާއި މޫސުމާ ބެހޭ އިދާރާއިން އަންގާރަ ދުވަހު ބުނެފައިވަނީ އޭޝިއާގެ ހޫނުމިން ވަރަށް ބާރު ސްޕީޑެއްގައި މަތިވަމުން އަންނަ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޫނު ގަދަވުން އިތުރުވެ، ގިނަ ދުވަސްތަކަށް ދެމިގެން އަންނަ ކަމަށް ސައިންޓިފިކް ދިރާސާތަކުން ދައްކައެވެ.