ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ރެސްޓޯރެންޓަކުން ކައިގެން ކާނާ ވިހަވި ގިނަބަޔަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކާނާ ވިހަވި 35 މީހުންގެ ތެރެއިން 27 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހިފައިވާއިރު، ހަ މީހަކު މުޅިން ރަނގަޅުވެ، ދެ މީހަކަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

މި ހާދިސާއާ ގުޅިގެން ރިޔާދު މުނިސިޕަލްޓީން ވަނީ އެ ރެސްޓޯރެންޓުގެ ބްރާންޗްތަކާއި ސެންޓްރަލް ލެބާއެކު އެ ރެސްޓޯރެންޓް ބަންދުކޮށް ފުޅާ ދާއިރާއެއްގައި ތަހުގީގެއް ފަށައިފިއެވެ. އަދި ކާނާ ވިހަވާން މެދުވެރިވި ސަބަބު ދެނެގަނެފައި ވެއެވެ.

ޕަބްލިކް ހެލްތަށް މުނިސިޕަލް އޮތޯރިޓީން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން މުޅި ސިޓީގައި ސިއްހީ ކަންކަން ބެލެހެއްޓުމުގެ ހަރުކަށި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

އެ މިނިސްޓްރީން ބުނީ އެޕިޑެމިއޮލޮޖިކަލް ދިރާސާތަކަށް މަގުފަހިކޮށްދިނުމަށް އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ މަގުސަދަކީ ނުރައްކާތައް ކުޑަކޮށް މުސްތަގުބަލުގައި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ އެކަމަށް އިޖާބަ ދިނުން ރަނގަޅު ކުރުން ކަމަށެވެ.