ހޫނު ގަދަވެގެން ފަލަސްތީނުގެ ޣައްޒާގެ އިތުރު ކުއްޖަކު ނިޔާވެއްޖެއެވެ.
ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީން ބުނީ ޣައްޒާގެ ފިނިހޫނުމިން އިތުރުވުމުގެ ސަބަބުން ދެ ކުއްޖަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޔޫއެންއާރްޑަބްލިއުއޭއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދާ އިސްރާއީލު ހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުޑަކުދިންނަށެވެ.
"އިތުރަށް ކެތްކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ޝަހީދުވުމާއި ބަނޑުހައިހޫނުކަމާއި ބަލިތަކާއި އަދި މިހާރު ދިރިއުޅެމުން ދަނީ ގަދަ ހޫނުގައި ގްރީންހައުސް ފަދަ ބިނާތަކުގައި،" ޔޫއެންއާރްޑަބްލިއުއޭގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒާރިނީ ވިދާޅުވިއެވެ.
ހޫނު ގަދަވެގެން ދެ ކުއްޖަކު ނިޔާވިިކަން ހާމަކުރި ނަމަވެސް، އެ ދެ ކުދިންގެ އުމުރެއް މިހާތަނަށް އެއްވެސް މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ވެސް އާންމު ކޮށްފައެއް ނުވެއެވެ.
ޣައްޒާގެ އެކި ހިސާބުތަކުގެ ހޫނުމިން ވަރަށް މައްޗަށް ގޮސްފައިވާއިރު، ޚާއްސަކޮށް ރަފާހުގެ ހޫނުމިން ވަރަށް މައްޗަށް ގޮސްފައިވާކަން މީޑިއާތަކުން މިއަދު ވަނީ ފާހަގަ ކޮށްފައެވެ.
ރަފާހުގެ ހޫނުމިން މައްޗަށް ގޮސްފައިވާއިރު، އެސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގެއް ވެސް ނެތެވެ.