ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން ނެރެފާނެ ކަމުގެ ބިރު އެބަ އޮތުމުން އެ ގައުމުން ކަންބޮޑުވެއްޖެއެވެ.

ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓާއި އަސްކަރިއްޔާގެ އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރެއް މި ހަފުތާގެ ކުރީކޮޅު ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ނެރެފާނެތީ އިސްރާއީލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ދަނީ ބުނަމުންނެވެ.

އެންބީސީއާ ވާހަކަދެއްކި އެ ގައުމުގެ އޮފިޝަލަކު ބުނީ، އިސްރާއީލުގެ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުން ދަނީ ވޮރަންޓްތައް ނެރުން ހުއްޓުވަން ކަމަށެވެ.

ހައްޔަރުކުރުމުގެ އަމުރާ ގުޅޭ ގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އައިސީސީން އެންބީސީ ނިއުސްއަށް ބުނީ ފަލަސްތީނުގެ ހާލަތާ ގުޅިގެން މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށާއި "މި މަރުހަލާގައި އިތުރު ވާހަކައެއް ދެއްކެން ނެތް" ކަމަށެވެ.

މި ހަބަރު އައިސްފައި ވަނީ ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި ޣައްޒާގައި އިސްރާއީލުން ދެމުން ގެންދާ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށި މި ހަނގުރާމައިގައި މިހާތަނަށް 34،000 އަށް ވުރެ ގިނަ ޣައްޒާ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން މިހާރު އިންތިޒާރު ކުރަމުން ދަނީ ހަނގުރާމަ ހުއްޓާލުމުގެ އާ ހުށަހެޅުމަކާއު ގުޅޭގޮތުން ހަމާސްގެ ޖަވާބަކަށް ކަމަށެވެ.