ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް މުޒާހަރާކުރުން ޔޫރަޕުގައި ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅަމުންދާ ކަމަށް އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފިއެވެ.

އެމެނެސްޓީ އިންޓަނޭޝަނަލްގެ ރިސާޗާއެއް ކަމަށްވާ ޖޫލިއާ ހޯލް ބުނެފައިވަނީ ޔޫރަޕުގެ ގައުމުތަކުން ބަސް ބުނުމުގެ މިނިވަން ކަމަށާއި އެއްވެ އުޅުމުގެ މިިނިވަން ކަމަށް އަރައިގަންނަމުންދާ ކަމަށާއި ބަސް ބުނުމުގެ މިނިވަން ކަން ނަގާލަމުން އެ ދަނީ ނަފްރަތު އުފެދޭ ފަދަ ބަސްތަކާއި ޝިއާރުތައް ފަލަސްތީނަށް ތާއީދުކޮށް ކުރާ މުޒާހަރާތަކުގައި ބޭނުން ކުރާ ކަމަށް ބުނެކަމަށެވެ.

އެއް ޤާނޫނުން ލިބިދޭ ހައްޤުތައް އެހެން ޤާނޫނަކުން ހަނި ގޮތަކުން ލިބޭ ބާރެއް ބޭނުން ކޮށްގެން ނިގުޅައިގަތުމަކީ ތަހްޒީބީ މުޖުތަމައު އެއްގައި ކަންކަން ކުރާ ގޮތް ނޫން ކަމަށް ބުނެ އޭނާ ވަނީ ޔޫރަޕިއަން ޔޫނިއަން އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ހާލް އިތުރަށް ބުނެފައިވަނީ ފަލަސްތީނުގެ ހައްޤުގައި މުޒާހަރާ ކުރާ ފަރާތްތަކާއި މެދު ފުލުހުން އަމަލު ކުރަނީ ތަފާތު ކޮށް ކަމަށާއި މުޒާހަރާގެ ބައިވެރިންނަށް ފުލުހުންގެ ފަރާތުން އެތައް އުނދަގޫތަކާއި ކުރިމަތިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

ޔޫރަޕިއަން ސިވިކް ފޯރަމުން މި މަހު ނެރުނު ރިޕޯޓެއްގައި ވާ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ 12 ގައުމަކުން މިހާރު ވަނީ އާންމު ދިރިއުޅުމަށާއި މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވާ އެއްވުންތަކާއި މުޒާހަރާތައް ބޭއްވުން މަނާ ކޮށްފައި ކަމަށެވެ. މިއީ ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތައް ފަށާފާނެތީ ކުރިއާލައި އެޅި ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.