ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލުމުގެ އުސޫލާ އެއްގޮތަށް އެ ދަފުތަރުގައި މާލެ ސިޓީން އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.

ޒަކާތު ހައުސް އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން މެންދުރުފަހު 12:00ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައިނުވާ މީހުންނަކީ ވެސް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެ މީހުން ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޒަކާތު ހައުސް އިން ބުނީ ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމު އެ އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި ފޯމް ބަލައިގަންނަނީ އިދާރާގެ ކައުންޓަރުން ކަމަށެވެ.

ޒަކާތު ހައުސް އިން ކުރާނެ މައިގަނޑު ކަންތައްތަކަކީ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދިޔުމާއި ޒަކާތުގެ އިލްމު ފެތުރުމާއި ޒަކާތުގެ ހުކުމްތަކާމެދު އާންމުން ހޭލުންތެރިކުރުވުން ހިމެނެއެވެ. އަދި ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު ގުނަކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާނެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ގާއިމުކުރީ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ރާއްޖޭގެ ޒަކާތު ހައުސް އަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. އެމަނިކުފާނު މި އިދާރާ އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގުމަށް ނިންމަވާފައިވާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު