ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމުއްﷲ ސަހަރުގައި ހުންނަ ކެނެޑާގެ ރެޕްރެޒެންޓޭޓިވް އޮފީސް ކައިރީގައި މުޒާހަރާ ކުރި ފަލަސްތީނުގެ ރައްޔިތުންނަށް ފަލަސްތީނުގެ ފުލުހުން ހުރަސް އަޅައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުން ކެނެޑާގެ ރެޕްރެޒެންޓޭޓިވް އޮފީސް ކައިރީގައި މުޒާހަރާ ކޮށްފައި މި ވަނީ ފަލަސްތީނު އިސްރާއީލް މައްސަލައިގައި ކެނެޑާއިން އިސްރާއީލަށް ބުރަވާ ހާރިޖީ ސިޔާސަތެއް ގެންގުޅޭތީއެވެ.

ފަލަސްތީނުގެ މުޒާހަރާގެ ބައިވެރިން ވަނީ މުޒާހަރާގެ ތެރެއިން ފަލަސްތީނުގެ ދިދަތަކާއި އެހެނިހެން ޝިއާރުތައް ހިމެނޭ ބެނާތައް ބޭނުން ކޮށްފައެވެ. އަދި އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ތިބީ އެކުގައި ކުރިމަތިލާން ތައްޔާރަށް ކަމަށް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވަމުންނެވެ.

މި މުޒާހަރާ ފެށިގެން ދިޔައީ ވަރަށް ސުލްހަވެރިކަމާއި އެކު ކަމަށާއި ނަމަވެސް މަހްމޫދު އައްބާސްގެ ޕީއޭ ގެ ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުން ކޮށްގެން މުޒާހަރާ ރޫޅާލާފައި ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ މައުލޫމާތުދީފައެވެ.

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް އެމެރިކާ އަދި ލުބުނާންގެ ދަރިވަރުން ދަނީ އެ ގައުމުތަކުގެ ޔުނިވާސިޓީތަކުގައި ވަރަށް ގަދަ އަށް މުޒާހަރާތައް ކުރަމުންނެވެ.

ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ.

ޔަހޫދީންގެ އަނިޔާވެރި ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން 34،000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 70،000 އަށް ވުރެ މަތި ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކައެވެ.