ސްރީ ލަންކާގައި އިއްޔެ މޫސުން ގޯސްވެ ހޮނު އަޅައިގެން ކުޑަކުއްޖަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެއެވެ.

ލަންކާގެ ރައްޓޮޓާ ޓައުންގައި ރޭ ހިނގި މި ހާދިސާގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ 23 އަހަރުގެ ބޭބެ ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ އެ ދެ ބެއިންގެ ގަޔަށް ހޮނު އަޅާފައި ވަނީ ވެލްގަލަޔާ ސަރަހައްދުގައި އެ މީހުން ދިރިއުޅޭ ގޭގައި އުޅެނިކޮށް ކަމަށެވެ.

މީގެ އިތުރުން މުލައިޓިވުގެ ތުނުއްކައިގެ އަޔާންކުލަމް ސަރަހައްދުގައި ހޮނު އަޅައިގެން ދެން މަރުވެފައިވަނީ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ. މަރުވި އެ މީހާއަކީ ތިން ކުދިންގެ ބައްޕައެކެވެ.

އަދި ހޮނު އަޅައިގެން ޒަހަމްވި އުމުރުން 26 އަހަރުގެ ޒުވާނަކަށްވެސް ފަރުވާ ދެމުންދާއިރު، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.