ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް ލުބުނާންގައި އެތައް ހާސް ދަރިވަރުންނެއް މުޒާހަރާ ކުރަމުން އެބަދެއެވެ.

ޔަހޫދީން ދައުލަތުގެ އަނިޔާވެރި ކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާ ތަކުގައި ލުބުނާންގެ އެކި ސަރަހައްދުތަކުގައި ހުންނަ ޔުނިވާސިޓީތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ލުބުނާންގެ ދަރިވަރުން މުޒާހަރާތަކުގައި ޑިމާންޑް ކުރަމުންދަނީ ޔަހޫދީ އިސްރާއީލްގެ ކުންފުނިތަކާއި އެކީ ލުބުނާންގެ ޔުނިވާސިޓީ ތަކުން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާއި ގުޅުންތައް މުޅިން ކަނޑާލުމަށެވެ. ލުބުނާންގައި ދަރިވަރުންގެ މުޒާހަރާ އެންމެ ހޫނުވެފައި ވަނީ ވެރި ރަށް ބެއިރޫތްގައެވެ.

ލުބުނާންގެ ވެރި ރަށް ބެއިރޫތްގައި ހުންނަ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތްގެ ކެމްޕަސް ތެރޭގައި މިއަދު ވަނީ 200 ދަރިވަރުން މުޒާހަރާ ކޮށްފައެވެ. ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދަރިވަރުންގެ އަދަދު 200 އަށްވުރެ އިތުރު ނުވާނޭ ގޮތަށް 2 ގަޑިއިރު ވަންދެން މުޒާހަރާ ކުރުމުގެ ހުއްދަ ޔުނިވާސިޓީގެ މެނޭޖްމެންޓުން ވަނީ ދީފައެވެ.

އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތްގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކަނޑައެޅިފައިވާ ސަރަހައްދު ނޫން އެހެން ހިސާބުތަކަށް ނުދެވޭނެ ގޮތަށް ބެރިކޭޑް ޖަހާފައެވެ. އަދި މުޒާހަރާކުރާ ތަނަށް ނޫސްވެރިން ވަނުންވެސް ސެކިރިއުޓީން ވަނީ ހުއްޓުވާފައެވެ.

ބެއިރޫތްގެ އެހެން ޔުނިވާސިޓީ އެއް ކަމަށްވާ ލެބަނީސް އެމެރިކަން ޔުނިވާސިޓީ ގައި ވެސް ދަރިވަރުން ވަނީ ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކޮށްފައެވެ.

އެމެރިކާގެ އެކި ސިޓީތަކުގެ ޔުނިވާސިޓީތަކުގައި ވެސް ދަރިވަރުން ދަނީ ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ކަމާއި ދެކޮޅަށް ވަރަށް ވަރުގަދަ މުޒާހަރާ ތަކެެއް ކުރަމުންނެވެ.