ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އެމެރިކާގެ ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވާސިޓީގެ ކެމްޕަސް ތެރޭގައި މުޒާހަރާ ކުރަމުންދިޔަ ދަރިވަރުންގެ މުޒާހަރާ ރޫޅާލުމަށް އެމެރިކާގެ ފުލުހުން އެ ކެމްޕަސް ތެރެއަށް ވަދެއްޖެއެވެ.

ފުލުހުން އެ ޔުނިވާސިޓީގެ ކެމްޕަސް ތެރެއަށް ވަދެފައި މިވަނީ އެ ޔުނިވާސިޓީގެ ރައީސް އާއި މެނޭޖްމެންޓުން މުޒާހަރާތައް ރޫޅާލުމަށް އެދި ފުލުހުންގެ މަދަދަށް އެދުމުންނެވެ. ފުލުހުން އެ ޔުނިވާސިޓީ އަށް ވަދެފައިވަނީ ރައެޓް ގިއަރުގައި ހަތިޔާރާއި އެކީ ކަމަށް މަންޒަރު ދުން ފަރާތްތަކުން ވަނީ ބުނެފައެވެ.

ނިއުޔޯކްގެ ކޮލަމްބިއާ ޔުނިވާސިޓީގެ ރައީސް ނެރުން ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާ ކުރާ ދަރިވަރުން އެ ޔުނިވާސިޓީގެ މުދަލަށް ގެއްލުންދެމުންދާ ކަމަށާއި މިއީ އެ ޔުނިވާސިޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. މުޒާހަރާތައް ސުލްހަވެރިކަމާއި އެކީ ރޫޅާލުމަށް ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ދީފައިވާނެ ކަމަށާއި ފުލުހުންގެ އެހީ އަށް އެދެން ޖެހުނީ ދަރިވަރުން އަމިއްލަ އަށް މުޒާހަރާތައް ރޫޅާލައި ކެމްޕަހުގައި ޖަހާފައިވާ ކޭމްޕްތައް ނުނެގުމުންކަމަށެވެ.

ފުލުހުން މިހާރު ވަނީ ދަރިވަރުން އަމިއްލަ އަށް ބައްދުވެގެން ތިބި ހެމިލްޓަން ހޯލުގެ ދޮރުތައް ހުޅުވައި އެ ތަނުން ދަރިވަރުން ނެރެން ފަށާފައެވެ. ފުލުހުން އެ އިމާރާތަށް ވަނީ ހަރުގަނޑެއް ބަހައްޓައިގެން ކުޑަދޮރުން ކަމަށް މަންޒަރު ދުން ފަރާތްތަކުން ބުނެއެވެ. އަދި އެމެރިކާގެ ނިއުޔޯކްގެ ފުލުހުން ދަނީ ވަކި ޖިންސަކަށް ނުބަލައި އަންހެން ފިރިހެން ދަރިވަރުން ވެސް ހައްޔަރު ކޮށް އަނިޔާވެރިކަމާއި އެކީ ފުލުހުންގެ ބަސް ތަކަށް ލަމުން ކަމަށާއި ބައެއް ފަހަރު ފުލުހުން އަނިޔާވެރި ކަމާއި އެކީ ބަހަށް ދަރިވަރުން ކޮށްޕާލާތަން ވެސް ފެންނަ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިހާތަނަށް ފުލުހުން ހައްޔަރު ކުރީ ކިތައް ދަރިވަރުން ކަމެއް އަދި ސާފު ނުވާ ކަމަށް އެމެރިކާގެ މީޑިއާތަކުން މައުލޫމާތުދެއެވެ.

ކޮލަމްބިއާ ޔުނިވާސިޓީގައި މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުން ވަނީ އެ ޔުނިވާސިޓީގެ ހެމިލްޓަން ހޯލް އަށް ހިންދު ރިޖާބް ގެ ނަން ދީފައެވެ. ހިންދު ރިޖާބަކީ ޔަހޫދީންގެ ޖައްބާރު އަސްކަރިއްޔާ އިން ދިން އަނިޔާވެރި ހަމަލާއެއްގައި ފަލަސްތީނުގެ ޣައްޒާ ގައި ޝަހީދުވި 6 އަހަރުގެ ތުއްތު އަންހެން ކުއްޖެކެވެ.

ކޮލަމްބިއާ ޔުނިވާސިޓީގެ އެކި ފެކަލްޓީ ތަކުން ވަނީ ޔުނިވާސިޓީ ކެމްޕަސް އަށް ފުލުހުން ގެނެސްގެން ދަރިވަރުން ހައްޔަރުކުރުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. އަދި މި އަމަލަކީ ކޮލަމްބިއާ ޔުނިވާސިޓީގައި އޮތް ބަސް ބުނުމުގެ މިނިވަންކަން ދިރުވުމުގެ ސަޤާފަތަށް ހުރި ނުރައްކަލެއް ކަމަށާއި މިއަދަކީ މުޅި ކޮލަމްބިއާ ޔުނިވާސިޓީގެ ތާރީހުގައި ވެސް ކަޅު ދުވަހެއްގެ ގޮތުގައި އެ ފެކަލްޓީތަކުން ވަނީ ސިފަކޮށްފައެވެ.

މިއަދު ފުލުހުން މުޒާހަރާ ރޫޅާލުމުގައި އެއްވެސް ދަރިވަރަކަށް ކުޑަ ނަމަވެސް ގެއްލުމެއް ނުވަތަ ހާނިއްކަ އެއް ވެއްޖެ ނަމަ އެއީ ކޮލަމްބިއާ ޔުނިވާސިޓީގެ ރައީސް ޒިންމާ ނަގަން ޖެހޭނެ ކަމެއްގެ ގޮތުގައި ފެކަލްޓީތަކުން ވަނީ ސިފަކޮށްފައެވެ.

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި އެމެރިކާގެ ވަރަށް ގިނަ ސުޓޭޓް ތަކުގެ ޔުނިވާސިޓީތަކުގައި ދަރިވަރުން ދަނީ މުޒާހަރާ ކުރަމުންނެވެ.