ވަޓްސްއެޕް މެދުވެރިކޮށް ސްކޭމް ޖެއްސުމުގައި ހަރަކާތްތެރިވެ އުޅުނު 100 އަށް ވުރެ ގިނަ މީހުން ސްޕެއިން އިން ހައްޔަރުކޮށްފިއެވެ.

އެ ގައުމުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ސްޕެއިންގައި ސްކޭމްގެ މައްސަލަތައް ވަރަށް ގިނައެވެ. އެހެންކަމުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފުލުހުން ދަނީ ސްކޭމަރުން ހޯދުމަށް އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވިއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ މައްޗަށް ކުރަނީ ފްރޯޑް ހިންގުމާއި މަނީ ލޯންޑަރިންގ އަދި ތަކުރާރުކޮށް ކުށްތަކަށް އަރައިގަތުން ފަދަ ދައުވާތަކެވެ.

ސްޕެއިންގެ ފުލުހުން ބުނީ މި ސްކޭމަރުން ހިންގާ ސްކޭމްތަކުގައި ޖައްސައިގެން މީހުންގެ އަތުން މިހާތަނަށް 800 އާއި 50،000 އާ ދެމެދު ޔޫރޯގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. މި ސްކޭމްތަކުގައި ސްޕެއިންގެ އެލިކަންޓެއިން އެކަނިވެސް 238 މީހުން ވަނީ ޖެހިފައެވެ. އެލިކަންޓެގެ އިތުރުން ބާސެލޯނާ، ޖިރޯނާ، މެޑްރިޑް، މަލާގާ އަދި ވެލެންސިއާގެ އެކި ހިސާބުތަކުގައި މި ސްކޭމްތައް ދަނީ ހިންގަމުންނެވެ.

އެންމެ ގިނައިން ހިންގާ ސްކޭމްތަކުގެ ތެރޭގައި އާއިލީ މެންބަރަކު ކަމަށް ހެދިގެން އެމަޖެންސީއެއް ދިމާވެގެން ކަމަށް ބުނެ ފައިސާ ފޮނުވައިދިނުމަށް އެދެއެވެ. އަދި ފޯނުގައި ލާރި ނެތުމުން ނުވަތަ ފޯނު ނިވިފައި އޮތުމުން ނުވަތަ ފޯނު ގެއްލިއްޖެ ކަމަށް ބުނެ އާ ނަންބަރަކުން ގުޅީ ކަމަށް ބުނެ އޮޅުވާލައެވެ. އަދި ދިމާވި ކުޑަ މައްސަލައަކާ ހުރެ އެކައުންޓު ބްލޮކްވެފައިވާތީ ފައިސާ ފޮނުވުމަށް އެހެން އެކައުންޓު ނަންބަރެއްވެސް ދެއެވެ.

ސްޕެއިންގެ އިތުރުން އިނގިރޭސިވިލާތުގައިވެސް ވަޓްސްއެޕް ސްކޭމްތައް ގިނަވަމުންދާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހު ނޮޓިންހަމްޝަޔަރ ޕޮލިހުން ވަނީ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން އިނގިރޭސިވިލާތުން 3 ފެބްރުއަރީ އާއި 21 ޖޫން 2022 އާ ދެމެދު ވަޓްސްއެޕްއިން ހިންގި ސްކޭމްތަކުގެ ތެރޭގައި ލޯބިވާ މީހުން ކަމަށް ހެދިގެން ނުވަތަ ލަވް ސްކޭމް ޖައްސައިގެން 1،235 މީހުން ވަނީ އެމަޅީގައި ޖައްސާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ސްޕެއިންގައިވެސް ވަޓްސްއެޕް ސްކޭމް ފެށިގެން އައީ ހަމަ އެދުވަސްވަރުގައެވެ. ވަޓްސްއެޕް ސްކޭމްތަކުގައި މިހާރު ގާތްގަނޑަކަށް 1.5 މިލިޔަން ޕައުންޑުގެ ފްރޯޑް ވަނީ ހަދާފައެވެ.