އިންޑިއާއިން އަސްކަރީ މަނަވަރުތައް ހެދުމުގައި އެހެން ގައުމުތަކަށް ބަރޯސާވުން 2040 ވަނަ އަހަރުގެ ކުރިން ނިމުމަކަށް ގެނައުމަށް އަމާޒު ހިފައިފިއެވެ.

އިންޑިއާ ކަނޑުގެ ސިފައިންގެ އަމާޒަކީ އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމުގައި އަމިއްލަ ގައުމުގެ އުފެއްދުންތަކަށް ބަރޯސާވުމެވެ. މި އަމާޒުގެ ބޮޑު ބައެއް ބިނާވެފައިވަނީ އަސްކަރީ މަނަވަރު ހެދުމުގެ ހުރިހާ ކަމެއް އަމިއްލަ ގައުމުގައި ކުރުމެވެ.

މިކަން ހާސިލްކުރެވޭނެ މަގުތައް އިންޑިއާއިން ދަނީ ހޯދަމުންނެވެ. އެގޮތުން 2040 ވަނަ އަހަރު އަންނަ އިރު އިންޑިއާގައި ހަނގުރާމަ މަނަވަރުތައްވެސް އުފެއްދުމުގެ ޤާބިލްކަން ހުންނާނެ ކަމަށް އެ ގައުމުގެ ނޭވީއިން ވަނީ ބުނެފައެވެ.

ދެ ފޭސްއަކަށް ބަހައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ މި މަސައްކަތް 2030ގެ ކުރިން ސެންސާތަކާއި އަދި ރާޑާރ ފަދަ ތަކެތި އެތެރެކުރުން ހުއްޓުމަކަށް ގެނެސް އިންޑިއާއިން އެތަކެތި އުފައްދަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ އިތުރުން، ދެވަނަ ފޭސްގައި 2040ގެ ކުރިން އަސްކަރީ މަނަވަރުތަކުގައި ބޭނުންކުުރާ އިންޖީނު ފަދަ ތަކެތި ހިމެނޭހެން އެހެނިހެން ތަކެތިވެސް އެތެރެކުރުން ހުއްޓާލާން ނޭވީ ޕްލޭނުގައި ވަނީ ހިމަނާފައެވެ.

އިންޑިއާ ކަނޑުގެ ސިފައިން ވަނީ މަތިންދާބޯޓު އުފުލާ އެއާކްރާފްޓް ކެރިއާ ބޯޓުތައް އުފެއްދުން ހިމެނޭ ގޮތަށް އަސްކަރީ މަނަވަރު ހެދުމުގެ 70 ޕަސެންޓު މަސައްކަތަށް އަމިއްލަ ގައުމަށް ބަރޯސާވުން މިހާރު ވެސް ހާސިލްކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އޭރުގެ ނޭވީގެ ވެރިޔާ އެޑްމިރަލް އާރް ހަރީ ކުމާރު ވަނީ ބޯޓު ބިލްޑިންގެ އެކި ދާއިރާތަކުން އިންޑިއާއިން ހާސިލްކޮށްފައިވާ ކަންތައްތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މީގެކުރިން ހަތިޔާރާއި ވަޒަން އެހެން ގައުމުތަކުން ގަންނަން ޖެހުނު ނަމަވެސް މިހާރު އެކަންތައްވެސް ނިމުމަކަށް އަންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެއްވެސް ގައުމަކަށް ބަރޯސާނުވެ ހަތިޔާރާއި ހަނގުރާމަ މަތީ މަނަވަރުތައް އިންޑިއާއިން އުފައްދަން ފެށުމުން އިންޑިއާ ސަރަހއްދުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ ބާރު އިންޑިއާއަށް ފުރިހަމަ މިނިވަންކަމާއެކު ލިބިގެންދާނެ ކަމަށް އެ ގައުމުގެ ނޭވީން ދެކެއެވެ.