އިރާޤުގައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ހަރުކަށި އަދަބުދޭން ނިންމާފައިވުމުން އެމެރިކާ އާއި އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން މިފަހުން ވަނީ އެ ޤައުމުގެ އެންޓި ޕުރޮސްޓިޓިއުޝަން ބިލަށް ނުވަތަ ހަށިވިއްކުމާ ދެކޮޅު ބިލަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކުގައި ވަނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައެވެ. އެގޮތުން އެއް ޖިންސުން ގުޅުން ހިންގިކަން ސާބިތުވެއްޖެ ނަމަ ދިގު މުއްދަތަކަށް ޖަލަށް ލުމަށް އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އިރާޤުގައި 1988 ވަނަ އަހަރު ފާސްކުރި އެންޓި ޕްރޮސްޓިޓިއުޝަން ޤާނޫނަށް މި ފަހުން ގެނައި ބަދަލާއި އެކީ އެ ގައުމުގައި އެއް ޖިންސުން ގުޅުން ހިންގުމަށް މަގުފަހި ކުރުމާއި ހިތްވަރު ދިނުން ވެސް ކުށަކަށް ވާނެއެވެ. އަދި އެފަދަ އަމަލެއް ޕުރޮމޯޓް ކުރުން ވެސް ވާނީ ޖަލު ހުކުމް އަންނާނެ ކުށަކަށެވެ.

މި ޤާނޫނުގެ ސަބަބުން އިރާޤުގެ މުޖުތަމައުގައި އެންމެ ބަލިކަށި އަދި އެހީއަށް ބޭނުންވާ މީހުންނަށް ވަރަށް ނުރައްކާ ވާކަމަށާއި އެމީހުންނަށް ދިގު ޖަލު ހުކުމްތަކެއް ލިބިގެން ދިޔުމަކީ އިރާޤުގައި އިންސާނީ ހައްޤުތަކާއި ބަސް ބުނުމުގެ މިނިވަންކަން ނެތިގެން ދިޔުން ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު މެތިއު މިލާ ވަނީ ބުނެފައެވެ.

"މިކަހަލަ ހަރުކަށި ޤާނޫނުތަކުގެ ސަބަބުން އިރާޤަށް އިޤްތިޞާދީ ގޮތުން ވެސް ބޮޑު ހުރަސްތަކަކާއި ކުރިމަތިވާނެ. އިރާޤުގެ އިޤްތިޞާދު ވަރުގަދަކޮށް ގައުމަށް ބޭރުގެ އިންވެސްޓްމެންޓްތައް ގެންނަށް ވަރަށް އުނދަގޫވާނެ މި ފަދަ ހަރުކަށި ޤާނޫނުތަކުގެ ސަބަބުން." ނޫސްވެރިންނާއި ވާހަކަ ދައްކަމުން މިލާ ބުނެފައި ވެއެވެ.

އިރާޤުން އެއް ޖިންސުން ގުޅުން ހިންގުން މަނާ ކުރުމުން އިނގިރޭސިވިލާތުން ވެސް ވަނީ އެކަމަށް ފާޑުކިޔާފައެވެ. އިނގިރޭސި ހާރިޖީ ވަޒީރު ޑޭވިޑް ކެމަރޮން ބުނެފައިވަނީ އިރާޤުން ފާސްކުރި ޤާނޫނަކީ ކަންބޮޑުވާ އަދި ނުރައްކާތެރި ޤާނޫނެއް ކަމަށެވެ.

އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މޮހްސެން އަލް މަންޑަލާވީ ވިދާޅުވީ، އިރާޤުގެ މުޖުތަމައުން މިފަދަ ފާހިޝް އަމަލުތައް މަދު ކުރުމަށާއި އިރާޤުގެ ތާރީހާއި މުޖުތަމައުގައި ހުރި އުސޫލުތަަކާއި ރީތި ސިފަތައް ދެމެހެއްޓުމަށް މި ޤާނޫނަކީ ވަރަށް މުހިންމު ޤާނޫނެއް ކަމަށެވެ.

އިރާޤުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެ ގައުމުގެ ސަރުކާރުން ފުރަތަމަ ބޭނުންވީ އެ ގައުމުގައި އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދޭށެވެ. ނަމަވެސް ފަހުން އެ އަދަބު 15 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކުރީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައިދާ

    ޣައިރު މުސްލިމުން ވަރަށް ޖެހިލުންވާނެ އިސްލާމީ އުސޫލުތައް ދަމަހައްޓަން މަސައްކަތް ކުރާނަމަ. އެމީހުންގެ ހަޑި ހުތުރު ފާޙިޝް ޢަމަލްތައް ކުރި ނާރާނެތީ.
    ބުނާތީ އިވޭ ފްރާންސްގައި ދަރިންނާވެސް
    ޖިންސީގުޅުން ހިންގުން ހުއްދަ ކަމަށް.
    މިފަދަ ފާޙިޝް އަމަލްތަކުން އިސްލާމީ އުއްމަތް ސަލާމަތް ކުރައްވާށި. އާމީން

  2. ހުސޭނުބޭ

    މި އެމެރިކާ މީ ބޮޑު އުދަގުލެއް! މީހުން ނަމާދުކުރާތީ އެކަމާވެސް ބެހޭނެ!