އިރާގުގެ ރަސްމީ ސަލާމަތީ ބާރެއްް ކަމަށްވާ ޕޮޕިއުލާ މޯބިލައިޒޭޝަން ފޯސެސް (ޕީއެމްއެފް) ގެ މަރުކަޒަކަށް ރޭ މެންދަމު ހަމަލާ ދީފިއެވެ.

ޕީއެމްއެފް އިން ބުނެފައިވަނީ އިރާގުގެ ވެރިރަށް ބަގުދާދުގެ 50 ކިލޯމީޓަރު ދެކުނުގައި އޮންނަ ކަލްޓޯ އަސްކަރީ ބޭސްގައި ހުންނަ ކޮމާންޑް ޕޯސްޓެއްގައި ރޭ މެންދަމު ވަރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށެވެ. އެ ގޮވުން ގޮވާފައިވަނީ ވައިގެ ހަމަލާއެއް އަމާޒުވެގެން ކަމަށް ސަލާމަތީ ދެ މަސްދަރަކާއި ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވެއެވެ.

މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ހަމަލާގައި ޕީއެމްއެފްގެ އެއް މެމްބަރަކު މަރުވެފައިވާ އިރު، 6 މީހުން ވަނީ ޒަހަމް ވެފައެވެ.

"އެ ގޮވުމުގެ ސަބަބުން ތަކެއްޗަށް ގެއްލުން ލިބި މީހުންނަށް ވަނީ ޒަހަމްތައް ލިބިފައި." ޕީއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި އެ ގޮވުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ހަަމަލާގެ ފަހަތުގައި ތިބީ ކޮންބައެއްކަން އަދި ނޭނގޭ ކަމަށް ރޮއިޓާސް މައުލޫމާތު ދިން ފަރާތްތަކުން ބުނެފައި ވެއެވެ. އެ ހަމަލާގައި އެމެރިކާގެ އަތެއް ނުވާނެ ކަމަށް އެމެރިކާގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ޕީއެމްއެފް އުފެދިގެން އައިސްފައިވަނީ ހަތިޔާރު އެޅި ގިނަ ފެކްޝަންތަކެއް އެކުލެވިގެންނެވެ. އޭގެ ތެރޭގައި އިރާނުން ވާގިވެރިވާ، އިރާނަށް ވަފާތެރި ޖަމާއަތްތައް ގިނައެވެ. ނަމަވެސް ފަހުން އިރާގުގެ އިދާރާތަކުން ވަނީ ޕީއެމްއެފް އަކީ ރަސްމީ ސަލާމަތީ ބާރެއްގެ ގޮތުގައި ބަލައިގެންފައެވެ.

އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށުމުން އިރާގުގައި ތިބި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް ޕީއެމްއެފްގައި އެކުލެވިގެންވާ ފެކްޝަންތަކުން ވަނީ ސިލްސިލާކޮށް ހަމަލާތައް ދީފައެވެ. ނަމަވެސް ފެބުރުއަރީ މަހުގެ ކުރީކޮޅުން ފެށިގެން އެ ހަަމަލާތައް ވަނީ ހުއްޓާލައިފައެވެ.

މި ހަމަލާ ދީފައިވަނީ އިސްރާއީލުން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އއ

    ތަންތަން ފުނޑުފުނޑުކޮށް މީހުންތައް މަރަމުން، މުޅިދުނިޔެއަށް ގޮންޖަހަމުން އިޒްރޭލްގެ އަނިޔާވެރިކަން ހައްދުފަހަނައަޅައިދާއިރުވެސް ކަލޭމެން ތިބެބަލަ ޙަމަލާދިން ބައެއް ނޭނގިފައި.