ސީރިއާގެ އިރުއުތުރުގައި ހުރި އެމެރިކާ ސިފައިންގެ މަރުކަޒަކަށް ހަމަލާ ދީފިއެވެ.

މި ހަމަލާގެ ޒިންމާ އިރާގުގައި ހަރަކާތްތެރިވާ އިރާނަށް ވަފާތެރި ޖަމާއަތެއް ކަމަށްވާ ކަތައިބް ހިޒްބުﷲ އިން ވަނީ ނަގާފައެވެ.

އިރާގުގެ ކަތައިބް ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެެރިކާ ސިފައިން އިރާގުން ފޭބުމާއި ގުޅޭގޮތުން އިރާގުގެ ބޮޑުވަޒީރު އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާތީ، އިރާގުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން އެގައުމުގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާތައް ދޭން ނިންމާފައިވާ ކަމަށެވެ.

"މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި ކަންކަމަކީ ފެށުން،" ރޭ ދިން ހަމަލާއަށް އިޝާރާތްކޮށް އެ ޖަމާއަތުން ބުނެފައި ވެއެވެ.

ކަތައިބު ހިޒްބުالله އަކީ އިރާގާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް މިދިޔަ އޮކްޓޯބަރު މަހު ހަމަލާދޭން ފެށި އިރާގުގެ އިސްލާމިކް ރެސިސްޓެންސް ގައި ހިމެނޭ ޖަމާއަތެކެވެ. އެ ޖަމާއަތުން އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދޭން ފެށީ ޣައްޒާގައި އިސްރާއީލުން ދޭ ހަމަލާތަކަށް ރައްދު ދިނުމަށާއި، އިރާގާއި އެ ސަރަހައްދުގައި އެމެރިކާ ސިފައިން ހަރަކާތްތެރި ވުމާއި ދެކޮޅު ހެދުމަށް ކަމަށް ބުނެ އެވެ.

އެ ޖަމާއަތުން ދެމުން ދިޔަ ހަމަލާތައް މެދުކަނޑާލީ މިދިޔަ ފެބްރުއަރީ މަހު އުރުދުންގައި ހުރި އެމެރިކާ ސިފައިންގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވުމާ ގުޅިގެން މަސްރަހު މާބޮޑަށް ހޫނު ވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.

ކަތައިބް ހިޒްބުﷲ އިން އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަލުން ހަމަލާ ދޭން ފަށާފައި މިވަނީ އިރާގުގެ ރަސްމީ ސަލާމަތީ ބާރެއްް ކަމަށްވާ ޕޮޕިއުލާ މޯބިލައިޒޭޝަން ފޯސެސް (ޕީއެމްއެފް) ގެ މަރުކަޒަކަށް މީގެ ދެ ދުވަސް ކުރިން ވަރުގަދަ ވައިގެ ހަމަލާ އެއް ދީފައި ވަނިކޮށެވެ. އެ ހަމަލާގައި ޕީއެމްއެފްގެ އެއް މެމްބަރަކު މަރުވެފައިވާ އިރު، 8 މީހުން ވަނީ ޒަހަމް ވެފައެވެ.

އެ ހަމަލާގައި އެމެރިކާގެ އަތެއް ނުވާނެ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.