ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ނުސެއިރަތު ރެފިއުޖީ ކޭމްޕު ކައިރިއަށް ވައިގެ މަގުން ދިން ހަމަލާތަކެއް ގައި ފަލަސްތީނުގެ ކުށެއް ނެތް އާންމުންގެ 9 މީހުން ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީން މައުލޫމާތުދޭ ގޮތުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހަމަލާދީފައި ވަނީ ޣައްޒާގެ މެދުތެރޭގައިވާ ނުސެއިރަތު ރެފިއުޖީ ކޭމްޕާއި 3.4 ކިލޯމީޓަރު ދުރުގައި އޮންނަ އައް ޒަހްރާ ސަހަރަށެވެ.

އައް ޒަހްރާ ސަހަރަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ 6 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ކުރިން ނުސައިރަތު ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން ހަމަލާގައި 3 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން މައުލޫމާތުދެއެވެ.

ޣައްޒާގެ މެދުތެރެއަށް ހަމަލާތަކެއް ދީފައިވާ އިރު ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ދެކުނު ޣައްޒާ އަށް ވެސް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ގޮތުން ޔަހޫދީން ވަނީ ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ 4 އަވަށަކަށް އަމާޒުކޮށްގެން ހަމަލާތައް ދީފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ޚާން ޔޫނިސްގައި ހަމަލާދީފައިވަނީ ޤާ އަލް ޤުރައިން ، އަބަސަން، ޚުޒާޢު އަދި ބަނީ ސުހެއިލިއާ އަވަށަށެވެ. މި އަވަށްތަކަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އެކަކު ވަނީ ޝަހީދުވެފައެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީ އިން މައުލޫމާތުދެއެވެ.