ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ވައްދަން އިސްރާއީލުން ހުރަސް އަޅަމުން ދަނީ ކިހާ މިންވަރަކަށް ކަމާއި މެދު ހުޅަނގުގެ ވެރިންނާއި, ސަރުކާރުތަކުންނާއި, ގާނޫނު ހަދާ ފަރާތްތަކުން ބަހުސް ކުރަމުންދާ އިރު, އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަކަށް އަދިވެސް އެއްވެސް މަޑުޖެހުމެއް ނާދެއެވެ. އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ޣައްޒާގެ ކުށެއް ނެތް އެތައް ހާސް ބަޔަކު ޝަހީދު ކުރުމަށާއި, އެތައް ބަޔަކު މަގުމަތި ކުރުމަށާއި, މުޅި ޣައްޒާ ބިމާއި ހަމަކޮށް ސުންނާފަތި ކުރުމަށް އެތައް ގިނަ ހަތިޔާރެއް ބޭނުން ކުރަމުންދާ އިރު, މި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލަށް ލިބެމުންދާ ހަތިޔާރުގެ މިންވަރު ވަނީ އިތުރުވެފައެވެ.

އެއްކޮޅުން ޣައްޒާ އޮތީ އިންސާނީ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭނެ ގޮތްތަކާއި މެދު ގައުމުތަކުން ދަނީ މަޝްވަރާކޮށް, މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް އަނެއްކޮޅުން އެހާލަތަށް ޣައްޒާ ވައްޓާލުމަށް, އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ދަނީ ކުރިއަށެވެ. އެއްއަތުން ޣައްޒާއަށް އެހީތެރިކަން ދޭ އިރު، އަނެއް އަތުން ޣައްޒާ ސުންނާފަތި ކުރުމަށް އިސްރާއީލަށް ދެނީ ހަތިޔާރެވެ. ހަމަ ޖެހޭ ހެއްޔެވެ؟

ބައިނަލްއަގުވާމީ ގާނޫނު

އެހެން ގައުމަކަށް ހަތިޔާރު ފޯރުކޮށްދޭ އިރު، އެ ހަތިޔާރު ފޯރުކޮށްދެވެނީ ކޮން ބަޔަކަށް ކަމާއި، އެ ހަތިޔާރު ބޭނުން ކުރަނީ ކޮން ކަމެއް ކުރަން ކަން ކޮންޓްރޯލް ކުރުމަށް ބައިނަލް އަގުވާމީ ގާނޫނުތަކާއި، އުސޫލުތަކާއި، މުއާހަދާތައް އެކުލަވާލެވިފައި އެބަ ހުއްޓެވެ. އެގޮތުން 1948 ވަނަ އަހަރު އެކުލަވާލާފައިވާ "ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" ގެ ދަށުން ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލަން ހިންގާ ގަތުލުއާންމާއި، ހަނގުރާމައިގެ ޖަރީމާތަކާއި، އަދި އިންސާނިއްޔަތާއި ހިލާފު ޖަރީމާތައް ހުއްޓުވުމަށް ދައުލަތްތަކަށް ގާނޫނީ ގޮތުން ލާޒިމް ކުރެއެވެ.

1948 ވަނަ އަހަރު އެކުލަވާލި އެ މުއާހަދާ ގައި ސޮއިކުރަން އިސްރާއީލުގެ އެންމެ އެކުވެރި އެމެރިކާއިން ވަނީ އެންމެ ފުރަތަމަ ދެކޮޅު ހަދާފައެވެ. އެމެރިކާއިން އެ މުއާހަދާގައި ސޮއި ކޮށްފައިވަނީ 1988 ވަނަ އަހަރުއެވެ.

ހަތިޔާރުގެ ވިޔަފާރިއާއި ގުޅޭ އެހެން މުއާހަދާ އެއް ކަމަށްވާ "އާމްސް ޓްރޭޑް ޓްރީޓީ" ގެ ދަށުން، ނަސްލު ނައްތާލަން ހިންގާ ގަތުލުއާންމާއި، އިންސާނިއްޔަތާއި ހިލާފު ޖަރީމާތައް ހިންގުމަށާއި، އާންމުންނާއި އާންމުންގެ ތަކެއްޗަށް އަމާޒުކޮށް ހަމަލާދޭން، ފޯރުކޮށްދެވޭ ހަތިޔާރު ބޭނުން ކޮށްފާނެ ކަމަށް ޝައްކު ކުރެވޭ އެއްވެސް ގައުމަކަށް އެ ހަތިޔާރު އެކްސްޕޯޓު ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް އެ މުއާހަދާ ގައިވެސް އެމެރިކާއިން ސޮއި ކޮށްފައެއް ނުވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މުޅި ޣައްޒާ ވަނީ ސުންނާފަތި ވެފައި---

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގައި މިހާތަނަށް 34،600 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލާފައިވާ އިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. އިސްރާއީލުން މެދު ނުކެނޑި ދެމުންދާ ހަމަލާ ތަކުގައި 77،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން ދަނީ ޣައްޒާގެ ހޮސްޕިޓަލުތައްވެސް ހިސޯރުކޮށް، ބޮން އަޅައި ސުންނާފަތި ކުރަމުންނެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުވެ، ޒަހަމްވަމުންދާ އިރު ޣައްޒާގެ ހޮސްޕިޓަލުތަކުން އެކަށީގެންވާ ހިދުމަތް ނުދެވޭތާ މިހާރު މަސްތަކެއް ވެއްޖެއެވެ.

ޣައްޒާ އޮތީ އިންސާނީ ކާރިސާ އެއްގެ ތެރޭގައެވެ. އިސްރާއީލުން ބަނޑުހައިހޫނުކަން ބޭނުންކުރަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި، ޣައްޒާއަށް އެހީ ވައްދަން ހުރަސް އަޅައި އިސްރާއީލުން އިންސާނީ ކާރިސާތައް އުފައްދަމުން އަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޗީފް ޑިޕްލޮމެޓް ޖޯސެފް ބޮރެލް އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ. އަދި އޭގެ އިތުރުން ޣައްޒާއަށް ވެއްދޭ މަދު އެހީކޮޅު ހޯދަން ދާ މީހުންނަށްވެސް އިސްރާއީލުގެ އަނިޔާވެރި ސިފައިން ވަނީ ހަމަލާ ދީފައެވެ.

މިއަދު ޣައްޒާގައި އޮތް ހާލަތު އުފެއްދުމުގައި އިސްރާއީލުން ކުޅެމުންދާ ރޯލު އެ ގައުމުން އަމިއްލައަށް ބަލައިގަނޭތޯ ހުޅަނގުގެ ގައުމުތަކުން އެތައް މަސައްކަތެއް ކުރަމުންދާ އިރު، އެމެރިކާ އާއި ޖަރުމަނު ފަދަ ގައުމުތަކުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އެއްވެސް މަޑު ޖެހުމެއް އައިސްފައިނުވާ ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ ކްރައިސިސް އެޑްވޮކެސީގެ ޑިރެކްޓަރު އަކްޝަޔާ ކުމާރް ވަނީ ވިދާޅުވެފައެވެ.

ޣައްޒާއަށް އެހީ ވައްދާ ވާހަކަ އެންމެ ގިނައިން ދައްކަމުން މި އަންނަނީ އިސްރާއީލުގެ ހަތިޔާރު ސަޕްލައިކުރާ މައިގަނޑު ފަރާތްތަކުންނެވެ. އެމީހުން އެހީދޭން މަސައްކަތް މި ކުރަނީ ކޮން ބަޔަކަށް ހެއްޔެވެ؟ އެއީ އެމީހުން އިސްރާއީލަށް ވިއްކާ ގިނަ ހަތިޔާރު ތަކުގެ އަމާޒުތަކަށް ވަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނެވެ.

ޣައްޒާގެ ރައްޔިތުން ވަނީ ބަނޑަށް ޖެހިފައި ----

ހަގީގީ މަންޒަރު

ޣައްޒާއާ ދެކޮޅަށް އިސްރާއީލަށް ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ބައެއް ގައުމުތަކުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރުން މެދުކަނޑާލާފައިވާއިރު، އަދިވެސް ބައެއް ބޮޑެތި ސަޕްލަޔަރުން ގެންދަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. އެގޮތުން އިސްރާއީލުގެ އަސްކަރީ ބަޖެޓަށް އެމެރިކާއިން އަހަރަކު ދޭ ގާތްގަނޑަކަށް 3.8 ބިލިއަން ޑޮލަރުގެ އެހީ އަދިވެސް ދެމުން އަންނައިރު، އޭގެ މައްޗަށް އެމެރިކާއިން ވަނީ އިސްރާއީލަށް 14 ބިލިއަން ޑޮލަރުގެ އެހީ ދޭން ބިލު ފާސްކޮށް ތަސްދީގު ކޮށްފައެވެ.

"ސްޓޮކްހޯމް އިންސްޓިޓިއުޓް ފޯ ޕީސް" އިން ބުނެފައިވާ ގޮތުގައި އިސްރާއީލުން އެތެރެކުރާ ހަތިޔާރުގެ 69 ޕަސެންޓް ފޯރުކޮށްދެނީ އެމެރިކާ އިންނެވެ. ނަމަވެސް މިއީ އަދި ހަގީގީ މަންޒަރަށް ނުވެދާނެ ކަމަށް ދާދި ފަހުން އެމެރިކާގެ ކޮންގްރެސްއަށް ދީފައިވާ ސިއްރު ބްރީފިންތަކަކުން ލަފާ ކުރެވޭ ކަމަށް އެމެރިކާގެ މަޝްހޫރު ނޫސް ވޮޝިންގްޓަން ޕޯސްޓްއިން ވަނީ ރިޕޯޓު ކޮށްފައެވެ.

އެމެރިކާއިން ހަތިޔާރު އެކްސްޕޯޓް ކުރުމާއި އެމެރިކާއިން ދޭ ހަތިޔާރު ބޭނުން ކުރުން ހުއްޓާލުމުގެ ކަންތައްތައް ބަލަހައްޓާ ގާނޫނުގައި ހުރި ގާނޫނީ ފުށުއެރުންތަކެއްގެ ސަބަބުން އެމެރިކާގެ ކޮންގްރެސްއިން ބަލަން ޖެހެނީ ހަމައެކަނި އެމެރިކާއިން ފޮނުވާ ވަކި އަގެއްގެ ޕެކޭޖުތަކެވެ. މާނައަކީ އެ އަގަށް ވުރެ ދަށް ޕެކޭޖުތައް ގާނޫނާއި ގަވާއިދުގެ ބޭރުން ފޮނުވަމުން ދިއުމެވެ. އެގޮތުން މިހާތަނަށް އެއްވެސް އާންމު ރިކޯޑެއް ނެތި 100 އެއްހާ ހަތިޔާރު ޝިޕްމެންޓް ފޮނުވާފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

"ތްރެޝްހޯލްޑަށް ވުރެ ދަށުން ކުރެވޭ ހަތިޔާރު ވިޔަފާރިތަކާއި ޓްރާންސްފަރ ތަކުގެ ސަބަބުން އެކްސްޕޯޓު ކުރެވެނީ ކޮން ކަހަލަ ހަތިޔާރެއް ކަމާއި މެދު އަހަރެމެންނަށް މާ ބޮޑު މައުލޫމާތެއް ނޭނގޭ." އެމެރިކާގައި ހުންނަ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސެކިއުރިޓީ އެސިސްޓެންސް މޮނީޓާގެ ޑިރެކްޓަރު އަރީ ޓޮލާނީ ވިދާޅުވި އެވެ.

"ހަމަ އެފަދައިން މި ހަތިޔާރުތައް ބޭނުންކުރަނީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާއި އެއްގޮތަށް ކަމަށް ބައިޑަންއަށް ޔަގީންކަން ދެވިދާނެ ކަމަށް އިސްރާއީލު ސަރުކާރުން ބުނާއިރު، ޣައްޒާއިން ފެންނަމުންދާ ހެކިތަކުން އެނގެނީ އެކަން އެގޮތަށް ނުހިނގާ ކަން." ޓޮލާނީ ވިދާޅުވިއެވެ.

ޖަރުމަނުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓު ކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖަރުމަނުން ވަނީ 350 މިލިއަން ޑޮލަރުގެ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދީފައެވެ. އެއީ 2022 ވަނަ އަހަރުގެ ހަތިޔާރު އެކްސްޕޯޓާއި އަޅާ ބަލާއިރު 10 ގުނަ އިތުރުވުމެކެވެ. އޭގެ ތެރެއިން ގިނަ ހަތިޔާރު ފޯރުކޮށްދޭން ނިންމާފައިވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް ފަހުއެވެ. އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ކުރިއަށް ގެންދާ އެހެން ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް، އަދި އިނގިރޭސިވިލާތް ހިމެނޭ ކަމަަށް ފެބުރުއަރީ މަހު އދއިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ.

އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ޣައްޒާގެ އެތައް ބަޔަކު ޝަހީދު ކުރަމުން---

އިސްރާއީލުން ޣައްޒާ ސުންނާފަތި ކުރަމުންދާއިރު، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާއި ގުޅިފައިވާ ޒިންމާއާއި ބެހޭގޮތުން އަލްޖަޒީރާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބުނެފައިވަނީ އިސްރާއީލުން ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ހިންގާފައި ނުވާ ކަމަށެވެ. އިނގިރޭސިވިލާތާއި އެހެން ގައުމުތަކުންވެސް ގެންގުޅެނީ މި ވިސްނުން ކަން ފާއިތުވެ ދިޔަ ހަފްތާ ތަކުގައި ވަނީ ސާބިތުވެފައެވެ. އެގޮތުން 1.4 މިލިއަނަށް ވުރެ ގިނަ އާންމުން ޖަމާވެފައިވާ ޣައްޒާގެ ރަފަހްއަށް އިސްރާއީލުން އެއްގަމު މަގުން އަރާ ހަމަލާ ދޭން އެގައުމުތަކުން ފޯރުކޮށްދެމުންދާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ވިޔަފާރިއަށް އެއްވެސް ބަދަލެއް ގެންނަ ތަނެއް ނުފެނެއެވެ.

ނަމަވެސް އިސްރާއީލަށް ކުރިން ހަތިޔާރު ފޯރުކޮށްދިން ބައެއް ފަރާތްތަކުން ވަނީ އެކަން މެދު ކަނޑާލާފައެވެ. އެގޮތުން އިސްރާއީލުން ބައެއް ހަތިޔާރު އެތެރެ ކުރަން ބެލްޖިއަމްގެ ފުލުހުން ނިންމާފައިވާ ނިންމުން އެގައުމުގެ ލޭބަރ ޕާޓީން ކުށްވެރި ކޮށްފައިވާ އިރު، އިސްރާއީލަށް ހަތިޔާރު ވިއްކުމުގައި ހަރުކަށި ގަވާއިދުތަކެއް އެ ގައުމުގައި އޮވެއެވެ. އަދި އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަމަލާ ދިންތާ ކުޑަ ދުވަސްކޮޅެއް ފަހުން އިޓަލީ އާއި ސްޕެއިން އިންވެސް ވަނީ އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓު ކުރުން ހުއްޓާލާފައެވެ. ނަމަވެސް "ޑިސްޕްލޭ" ކުރުމަށް ޓަކައި ސްޕެއިންއިން އަދިވެސް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދެއެވެ. ބެލްޖިއަމްގެ ވޮލޫން ސަރަހައްދީ ސަރުކާރުގެ އިތުރުން ޖަޕާނުގެ އިޓޯޗޫ ކޯޕަރޭޝަނުން ވެސް ވަނީ އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުން މެދުކަނޑާލަން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ނެދަލޭންޑްސްގެ ފަނޑިޔާރަކު ވަނީ އެފް-35 ގެ ބައިތައް އިސްރާއީލަށް އެކްސްޕޯޓް ކުރުން މަނާކޮށް ކޮށްފައިވާ ހުކުމު ދަމަހައްޓަވާފައެވެ. ފަނޑިޔާރު ވިދާޅުވެފައިވަނީ "އެކްސްޕޯޓްކުރާ އެފް-35 ގެ ބައިތައް ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފަށް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމާއި މެދު ދެބަސްވެވެން ނެތް" ކަމަށެވެ.

ޣައްޒާގައި އެ ހަތިޔާރުތައް އިސްރާއީލުން ބޭނުން ކުރޭ

ހަނގުރާމައިގެ ކަންތައްތައް ކައިރިން ބަލަމުންދާ ފަރާތްތަކާއި، އެހީދޭ ޖަމިއްޔާތަކާއި، އެނަލިސްޓުން ބުނާ ގޮތުގައި ހުޅަނގުން އިސްރާއީލަށް ފޯރުކޮށްދީފައިވާ ހަތިޔާރު ބޭނުން ކޮށްގެން އިސްރާއީލުން ވަނީ 100،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށް، ޒަހަމް ކޮށްފައެވެ. އަދި އޭގެ އިތުރުން އެތައް ބަޔަކު ހާލުގައި ޖައްސާ ނިކަމެތި ކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު، ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ކަނޑައަޅާފައިވާ "ސޭފް ޒޯން" ތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ އާއި މެޑިކަލް އެއިޑް ފޯ ފަލަސްތީން އެންޖީއޯގެ ގޯތިތެރެއަށް އިސްރާއީލުގެ ޖެޓަކުން ވަނީ ހަމަލާދީފަ އެވެ. އޭގެ ފަހުން ކުރެވުނު ތަހުގީގުތަކުން އެނގުނު ގޮތުގައި އެ ހަމަލާގައި ބޭނުންކޮށްފައިވަނީ އެމެރިކާގައި އުފައްދާފައިވާ "ސްމާޓް ބޮމެކެވެ". އަދި އެ ސްމާޓް ބޮން އަޅަން ބޭނުން ކޮށްފައިވަނީ އިނގިރޭސިވިލާތުން ގެނެސްފައިވާ ބައިތައް ހިމެނޭ ގޮތަށް އެމެރިކާއިން އުފައްދާފައިވާ އެފް-16 މަރުކާގެ ފައިޓާ ޖެޓެކެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ބަޔަކު ވަނީ ގެދޮރު ގެއްލި މަގުމަތިވެފައި----

ފާއިތުވި 7 މަހެއްހާ ދުވަހު މިފަދަ އެތައް ހާދިސާއެއް ޣައްޒާގައި ހިނގާފައިވާ އިރު، މިކަމުގެ އެއްވެސް ޒިންމާއެއް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކުން ނަގާ މަންޒަރެއް ނުފެނެއެވެ. ޣައްޒާގައި ކުރެވެމުންދާ ހަނގުރާމަ ހުއްޓުމުގެ އުންމީދީ ނިޝާނެއް އަދިވެސް ނުފެންނަ އިރު، މިހާރު އިސްރާއީލުން ތައްޔާރު ވަމުންދަނީ ޣައްޒާގެ ރަފަހްއަށް އެއްގަމު މަގުން އެރުމަށެވެ. ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ދުނިޔެއަށް އެއްވެސް ކަމެއް ކޮށް ނުދެވޭ އިރު، ދުނިޔޭގެ އެއްބަޔަކު މި ދަނީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި އިސްރާއީލާއި ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިޔާލު

    ޑިމޮކްރަސީއާ ހިޔުމަންރައިޓްސްއޭ އަމައޭ ކިޔައިގެން އުޅޭ ގައުމުތަކުގެ އަސްލު ސޫރަ ފެންނަމުން މިދަނީ. ޖެނޮސައިޑެއް ހިންގަމުން ގެންދާއިރުވެސް ހަމަ ބަލަން ތިބެނީ. ރާއްޖޭގައި ވެސް ކޮންމެ ހުކުރުދުވަހަކުނަމަވެއް ފަލަސްތީނާ އެއްކޮޅަށް ހިނގާލުމެއް ނަމަވެސް ބާއްވާނީ ކޮން ބައެއް؟

  2. އަހުމަދު

    އިސްލާމީ ބައެއް ގައުމުތަކުން ވެސް ލޯ ކަނުވެ ބީރު މަންމަން ބަޔަކަށްވެ ދުނިޔަވީ އުފާތަށް ހޯދުމުގައި އެމެރިކާގެ ނުރުހުމެށް ވެދާނެ ބަހެށްވެސް ބުނަން ނުކެރި ތިބުމީ މިއަދު އިސްލާމީ އުއްމަތަށް ދިވާވާ އެއްމެ ބޮޑު އެއް މުސީބާތް

  3. ނޭފަރު ފުޅު

    މާބޮޑައްވެސް ހަމަޖެހޭ.

    • ވަތަބެ

      ކިހިނެއް ހަމަ ޖެހެނީ؟ ވަކި ކަމެއް ބޭނުންވެފަ ތިބީމަ އެތެރޭގަ އޮތް ރުޅިވެރިކަން ބޭރުކުރަނީ ދޯ؟ މިހާރު އިސްރާއީލް ގިނަ މީހުންވެސް ގަބޫލު ނުކުރާ ކަންކަން ކަލޭ ތި ގަބޫލު ކުރަނީ.