އެމެރިކާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާގައި ޓީބީގައި އެކަކު މަރުވެ، އިތުރު ނުވަ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށުމާއި ގުޅިގެން ރައްޔިތުންނަށް ސިއްހީ ބޮޑު އެލާޓް ނެރެފިއެވެ.

ޓީބީއަކީ ޖަރާސީމަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވީ ބަލި ފެތުރެން ފެށީ ލޯންގް ބީޗް ހޮޓެލްގެ ކޮޓަރިއެއްގައި އެކުގައި ތިބި ބައެއްގެ މެދުގައި ކަމަށެވެ.

އޭޕްރީލް މަހުގެ 29 ވަނަ ދުވަހާ ހަމައަށް މިތަނާއި ގުޅިފައިވާ 14 ވޭދަނަ ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން ނުވަ މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ ކަމަށާއި އެއް ވޭދަނައަކީ ނުރައްކާތެރި ވޭދަނައެއް ކަމަށް ބުނެފައި ވެއެވެ.

އިންވެސްޓިގޭޓަރުން ބުނި ގޮތުގައި ގާތްގަނޑަކަށް 170 ވަރަކަށް މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ. ބަލި ޖެހިފައިވާ މީހުން ތިބި ދުވަސްވަރު އެ ހޮޓަލުގައި ތިބި ގެސްޓުންނަށް ސިއްހީ އޮފިޝަލުން ދަނީ ގުޅަމުންނެވެ.

ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނާ ގޮތުގައި ޓީބީ އަކީ އާންމުގޮތެއްގައި ފުއްޕާމެއަށް އަސަރުކުރާ ނުރައްކާތެރި ބައްޔެކެވެ. ބަލި މީހުންގެ ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުން ފެތުރެމުންދާ މި އިންފެކްޝަންގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރަކު ގާތްގަނޑަކަށް 1.6 މިލިއަން މީހުން މަރުވެއެވެ.

ބި ބައްޔާއި ގުޅިގެން ސިޓީގެ ހެލްތު އޮފިސަރު ޑރ.އަނީސާ ޑޭވިސް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ޓީބީ ގެ ވޭދަނަތަައް އިތުރުވާނެ ކަމަށް ބެލެވެއެވެ. މިކަމަށް ރިއާޔަތްކޮށް އެ ސިޓީން ބުނީ "އެކްޓިވް ޓީބީ ޑިޒީޒް ނުވަތަ ލެޓެންޓް ޓީބީ އިންފެކްޝަން ހުންނަ ކަން ފާހަގަކުރެވޭ މީހުންނަށް ފަރުވާ ދޭނެ" ކަމަށެވެ.

ޓީބީގެ ގިނަ ވޭދަނަތަކަށް ފަރުވާ ދެވޭނީ އެންޓިބަޔޮޓިކް ބޭނުންކޮށްގެންނެވެ. ނަމަވެސް ބޭސް ބޭނުންކުރާ މީހުން ގާތްގަނޑަކަށް ހައެއް ނުވަތަ ނުވަ މަސް ވަންދެން އެކަން ކުރަން ޖެހިދާނެއެވެ.