ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ "ޝައިތާން" ނެޓްފްލިކްސްގައި ސްޓްރީމްކޮށްފިއެވެ.

"ޝައިތާން" ތިއޭޓަރުތަކުގައި ރިލީޒްކުރީ މިދިޔަ މާޗް މަހުގައެވެ. ބެލުންތެރިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ މި ފިލްމު މިހާރު ނެޓްފްލިކްސްއިން ބަލާލެވޭނެއެވެ. ގިނަ ބަޔަކު ވަނީ މި ފިލްމު ނެޓްފްލިކްސަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްފައެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އަޖޭ ދޭވްގަންގެ ސުޕަނެޗްރަލް ތުރިލާ ފިލްމު "ޝައިތާން" އަކީ 65 ކުރޯޑު ރުޕީސް (ގާތްގަނޑަކަށް 118.7 މިލިއަން ރުފިޔާ)ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 211 ކުރޯޑު ރުޕީސްގެ (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) އާމްދަނީއެއް ލިބިފައެވެ. މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމެކެވެ.

ސިހުރު ހާހޫރުގ ސަބަބުން އާއިލާއަކަށް ކުރިމަތިވާ ނުރައްކާތެރިކަން ދައްކުވައިދޭ މި ފިލްމުގައި އަޖޭގެ އިތުރުން ފެނިގެން ދަނީ އާރް މާދްވަން އާއި ދެކުނު އިންޑިއާގެ ފިލްމުތަކުން ފެނިގެންދާ ބަތަލާ ޖޯތިކާއެވެ. ބަތަލާ ޖޯތިކާ އަކީ ފިލްމުގައި އަޖޭގެ އަންހެނުންނެވެ. އަދި ސިހުރުހަދާ މީހާގެ ރޯލުން ފެނިގެންދާ އެކްޓަރަކީ މާދްވަންއެވެ.

އެކްޓަރު އަޖޭ އެންމެ ފަހުން ފެނިގެންދިޔައީ "މައިދާން" އިންނެވެ. މި ފިލްމަކީ އިންޑިއާގެ މި ޖީލުގެ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ. މި ފިލްމުގައި އަޖޭއާއެކު ހަރަކާތްތެރިވި ތަރިންނަކީ ޕްރިޔަމަނީ، ގަޖްރާޖް ރާއޯ، އަރިއަން ބޯމިކް އަދި ރުދްރަނިލް ގޯޝް އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ލިބިފައެއްނުވެއެވެ. މި ފިލްމު އުފެއްދީ 51 ކުރޯޑުގެ ބަޖެޓަކުންނެވެ.

މާޗް 8 ގައި ރިލީޒްކުރި ޝައިތާން ވަނީ ސިނަމާތަކުގައި ކާމިޔާބު އަށް ހަފްތާއެއް ފުރިހަމަކޮށްފައެވެ. ސިނަމާތަކަށް ރިލީޒްކުރި ފުރަތަމަ ހަފްތާގައި ގާތްގަނޑަކަށް 80 ކްރޯޑް ރުޕީސް ހޯދި މި ފިލްމަކީ 2024 ވަނަ އަހަރުގެ ފުރަތަމަ ބްލޮކްބަސްޓަރ ފިލްމުގެ ގޮތުގައި އިއުލާންކުރި ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު