ލަންކާގައި އޮން އެރައިވަލް ވިސާގެ ފީ ބޮޑުވެގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގައުމުގެ ނޫސްތައް ބުނާގޮތުން ލަންކާގެ އޮން އެރައިވަލްގައި އާންމުކޮށް ނަގާ 75 އެމެރިކާ ޑޮލަރުގެ އިތުރަށް މިހާރު 25 އެމެރިކާ ޑޮލަރު ވެސް ނަގައެވެ. އެ މައްސަލަ ބޮޑުވެ ޝަކުވާ ކުރި މީހުން ބުނެފައި ވަނީ, މީގެ ކުރިން ވިސާގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ލަންކާގެ އިމިގްރޭޝަނުން ކަމަށާއި އޭރު ދިމާ ނުވާ ކިތަންމެ މައްސަލަތަކެއް މިހާރު ދިމާވެ, މުޅި ޕްރޮސެސް ލަސްވެގެން ގޮސްފައި ވާ ކަމަށެވެ.

މީގެ ކުރިން ލަންކާއަށް ދާ މީހުންގެ ތެރެއިން ސާކް ގައުމުތަކުގެ މީހުން ވިސާ ފީގެ ގޮތުގައި ދައްކަން ޖެހެނީ 25 ޑޮލަރެވެ. މިހާރު ވިސާ ފީ އަށް ގެނައި ބަދަލާ އެކު 35 ޑޮލަރު ދައްކަން ޖެހޭނެއެވެ

ވިސާ ކަންތައް މިދިޔަ މަހު 17 ވަނަ ދުވަހު އަމިއްލަ ކުންފުންޏަކާއި ލަންކާއިން ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުނިން ވަނީ ވިސާ ޕްރޮސެސް ކުރުމަށް ނަގާ ފީ އާއި މުވައްޒަފުންގެ ހަރަދު ވެސް ވިސާ ފީގެ ތެރޭ ހިމަނައި، ފަތުރުވެރިންގެ އަތުން ނަގާ ފީގެ އަދަދު ވަނީ ބޮޑުކޮށްފައެވެ. އަދި މި ފީ ދެއްކެނީ ހަމައެކަނި އެ އަމިއްލަ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށެވެ. އަދި މި ވެބްސައިޓު ބޭނުންކުރަންވެސް އުނދަގޫ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރިން ލަންކާގެ އިމިގްރޭޝަނުން ދެމުން އައި ޚިދުމަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުން މީގެ ކުރިން ސަރުކާރުގެ ސިސްޓަމް މެދުވެރިކޮށް ނެގޭ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެއް ނުލިބެއެވެ. މިހާރު އޮންނަނީ ހަ މަހުގެ މަލްޓިޕަލް އެންޓްރީ ވިސާއެއްގެ އަގަކީ 100.77 ޑޮލަރެވެ.

  • މިކަމާއި ގުޅިގެން ގިނަ ޝަކުވާތައް ހުށަހަޅާފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާގެ މީހުން ވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި، ބުނެފައިވަނީ ސިންގަލް އެންޓްރީ ވިސާ ލިބޭ އަގު 50 ޑޮލަރަށް ވުރެ ބޮޑު ނުވާނެ ގޮތަށް ހަމަޖައްސައިދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެކަން އެގޮތަށް ހަމަޖެހިފައިވާ ކަމަށް ވެބްސައިޓު މެދުވެރިކޮށް ފެންނަން ނެތް ކަމަށެވެ.

ނަމަވެސް ލަންކާ އަށް ދާ ދިވެހިންގެ ތެރެއިން ހަ މަހުގެ ސްޓޭންޑާޑް ވިސާ އަށް އެދޭ މީހުން މި ފީ ދައްކާކަށް ނުޖެހޭނެ އެވެ. ސާކް ގައުމުތައް ފިޔަވައި އެހެން ސަރަހައްދުތަކުން ލަންކާ އަށް ދާ މީހުން ހަމައެކަނި ވިސާ ފީ އަށް 75 ޑޮލަރު މިހާރު ދައްކަން ޖެހެ އެވެ. މީގެ އިތުރުން އިތުރު ފީތަކާ އެކު ޖުމްލަ ދައްކަން ޖެހޭ އަދަދު 100 ޑޮލަރަށް އަރާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާނު

    އެހެންވީމާ މިހާރު ދެތިން ދުވަހަށް ލަންކާޔަށް ދާ ދިވެހިން ދައްކަން ޖެހެނީ ކިހާ ވަރެއް؟ ކުރިން ދައްކާކަށް ނުޖެހޭ އެކައްޗެއްވެސް

    13
    1
  2. ބޮޑުރަސްގެފާނު

    35 ޑޮލަރު ތޯ މިހާރު ދައްކަންޖެހެނީ ދިވެހިން

  3. Anonymous