ރަތް ކަނޑުގައި އެމެރިކާގެ މަނަވަރަކަށް ޔަމަންގެ ހޫތީން ހަމަލާ ދީފިއެވެ.

ހޫތީގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ މިސައިލް ހަމަލާ އަމާޒުކޮށްފައި ވަނީ މިހާރު ރަތް ކަނޑުގައި ހަރަކާތްތެރިވާ އައިޒެންހަވާ މަތިންދާބޯޓު އުފުލާ އުޅަނދަށް ކަމަށެވެ.

މި ހަމަލާއަކީ ޔަމަނުގެ ތިން ޕްރޮވިންސަކަށް އެމެރިކާ އާއި އިނގިރޭސިވިލާތް ގުޅިގެން ދިން ސިލްސިލާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ސާރީ ވަނީ ވިދާޅުވެފައެވެ. ދެ ގައުމު ގުޅިގެން ދިން އެ ހަމަލާގައި 16 މީހަކު މަރުވެފައި ވެއެވެ.

މި ހަމަލާއާއި ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، ޔަމަނުގައި ހަރަކާތްތެރިވަމުން އަންނަ ހޫތީންނަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހަމަލާދީފައިވާނެ ކަމަށެވެ. މި ހަމަލާދީފައިވަނީ ރަތްކަނޑުން ދަތުރު ކުރާ އުޅަނދުތަކަށް ހޫތީން ހުއްޓުމެއް ނެތި ހަމަލާ ދެމުން އަންނާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

އެމެރިކާއިން ބުނި ގޮތުގައި އެގައުމުން ވަނީ ޔަމަނުގައި ހޫތީން ކޮންޓްރޯލް ކުރަމުން އަންނަ 13 ތަނަކަށް ހަމަލާދީފައެވެ. އިނގިރޭސިވިލާތުން ބުނީ އެމެރިކާއާއި އެކީ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހޮޑެއިޑާ ސަރަހައްދުގެ ޕޯޓް ސިޓީގެ ތިން ސަރަހައްދަކަށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތައް ދީފައިވަނީ ޑްރޯންއާއި އެނިހެން ހަތިޔާރު ބޭނުން ކޮށްގެން ކަމަށް ވެސް ވަނީ ބުނެފައެވެ.