އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އިންޑޮނޭޝިއާގެ ސުލަވެސީއަށް އައި ބާރުގަދަ ބިންހެލުމާއި، ބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެއެވެ.

މެގްނިޓިއުޑް މިންގަނޑުން 7.4 ގެ ބާރުމިނުގައި އައި އެ ބިންހެލުމަށް ފަހު އޭގެ 2 ގަޑި އިރެއްހާ ފަހުން އެރި 3 މީޓަރުގެ އުސް ސުނާމީގެ ސަބަބުން އެގައުމުގެ ދެ ސިޓީއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިޑޮނޭޝިއާގެ ޑިޒާސްޑަރ މެނޭޖްމެންޓް އެޖެންސީ އިން ބުނީ އިއްޔެ އެރި ސުނާމީގައި 384 މީހުން މަރުވެ 350 އަށް ވުރެން ގިނަ މީހުން ޒަހަމުވެފައިވާކަމަށެވެ. އިއްޔެ އެރި ބާރުގަދަ ސުނާމީގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކެއް ވަނީ ރާޅާއެކު ގޮސްފައެވެ.

އިންޑޮނޭޝިއާގެ ކަމާއި ބެހޭ ފަރާތްތަކުން ވިދާޅުވީ ގިނަ މީހުން މަރުވެފައިވަނީ ވެއްޓެމުންދިޔަ އިމާރާތްތަކުގެ ދަށުވެގެން ކަމަށެވެ. އިންޑޮނޭޝިއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމަށް ފަހުވެސް އެގައުމަށް މިއަދުވެސް ދަނީ އެކިވަރުގެ ލޮޅުންތައް އަންނަމުންނެވެ.

އިއްޔެ އެގައުމަށް އެރި ސުނާމީގެ ވީޑިއޯތައް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. މީހުން ސަލާމަތް ކުރުމުގައި އުޅޭ ފަރާތްތަކުން ލަފާކުރާގޮތުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މުއާސަލާތީ ހިދުމަތްތައް ކެނޑިފައި ވަނިކޮށްވެސް އަރަމުންދާ ކުދި ލޮޅުންތަކުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ބުރޫ އަރަމުންދާކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ.

އެގޮތުން 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

މި ބިންހެލުމަކީ ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހުމުގައި މުޅި އޭޝިއާ ސަރަހައްދުން 250,000 ވުރެ ގިނަ މީހުން މަރުވެ އުފެދުނު ބިޔަ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވިއެވެ.