މޯދީ ފަލަސްތީނުގައި

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲ އަށް ވަޑައިގަންނަވައިފިއެވެ. ބޮޑުވަޒީރު މޯދީ، އެސަރަޙައްދަށް ވަޑައިގަންނަވާފައިވަނީ އެމަނިކުފާނު މިހާރު ފަލަސްތީނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި މޯދީ އާއި ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސް ރަސްމީ މަޝްވަރާތައްވެސް ކުރައްވާފައިވެއެވެ. މަޝްވަރާތަކަށްފަހު އިންޑިޔާއިން ހާމަކުރައްވާފައިވަނީ، ފަލަސްތީނަކީ މިނިވަން ދަޢުލަތަކަށްވުމަށް އެޤައުމުންވެސް އެދޭކަމަށާއި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން އެދޭކަމަށެވެ.

މޯދީގެ މި ދަތުރުފުޅުގެ ތެރެއިން ފަލަސްތީނުގެ ބޮޑުވަޒީރު ރާމީ ޙަމްދުﷲ އާވެސް މޯދީ ބައްދަލުކުރައްވާފައިވާއިރު، ޔާސިރު އަރަފާތުގެ ހަނދާނުގައި ބިނާކުރައްވާފައިވާ ދާރުލްއާޘާރަކަށްވެސް ޒިޔާރަތްކުރައްވާފައިވެއެވެ.

ހަމައެހެންމެ، ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުންތައް ދެމެހެއްޓުމަށް މަޝްވަރާކުރުމާއި ބައެއް އަހުދުނާމާ (އެމްއޯޔޫ) ތަކުގައިވެސް ސޮއިކުރަން ހަމަޖެހިފައިވާކަމަށް ނޫސް ރިޕޯޓުތައް ބުނެއެވެ.

ޚާރިޖީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މޯދީގެ މި ދަތުރުފުޅަކީ، މެދުއިރުމަތީގެ ސަރަޙައްދުގައި އެޤައުމުގެ ގުޅުންތައް ހަމަޖެއްސުމަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި، ފަލަސްތީނަށް ދަތުރުކުރެއްވުމުގެ ފަހަތުގައި އަރަބި ޤައުމުތަކުގެ ޕްރެޝަރު ބޮޑުކަމަށް ލަފާކުރެވޭކަމަށް ބައެއް ތަޖުރިބާކާރުންނާ ހަވާލާދީ އަލް ޖަޒީރާ އިން ބުނެފައިވެއެވެ. އެއީ، އަރަބި ޤައުމުތަކުން އިންޑިއާއަށް ގިނަ އަދަދަކަށް ހަކަތައާއި ވަޒީފާ ފޯރުކޮށްދޭތީއެވެ.

މޯދީ ފަލަސްތީނަށް ވަޑައިގަންނަވާފައިވާއިރު، އިޒްރާއިލުގެ ބެންޖަމިން ނަތަންޔާހޫ ވަނީ ދާދިފަހުން އިންޑިޔާއަށް ޒިޔާރަތް ކޮށްފައެވެ. ނަތަންޔާހޫ އަށް މަރުޙަބާ ކިޔުމަށް، ޕްރޮޓޮކޯލް ފަޅާލާ މޯދީ އެއަރޕޯޓަށްވެސް ދިޔައިރު، ނަތަންޔާހޫގެ ޝަރަފުގައި އެތައް ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔައެވެ.

މިހާރު މޯދީ މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެހެން ޤައުމުތަކަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔަހޫދީންނާ ސަމާވީ ދީންތައްނޫން ދީންތަކުގެ ގުޅުމަކީ ހަމަ ލޮލުގަ އަޅުވާ އަނދުން. މަކަރާ ހީލަތް.

  2. މޯދީ ހީކުރީ ފަލަސްތީނަށް ޒިޔާރަތް ކުރީމާ އަހަރެމެން މުސްލިމުން ދެކޭގޮތް ބަދަލުވާނެކަމަށްތަ. ތީ މުސްލިމުންނަށް ދުވަހަކުވެސް ހެވެއް އެދޭނެބައެއް ނޫން. އެއް އަތުން ޖަހާފަ އަނެއް އަތުން ފިރުމީމަ ހަނދާން ނެތޭޒަމާން މާޒީވެ ގޮސްފި.

  3. ތިއީ އިޒުރޭލަށް ވަންނަން ވިސާހޯދީ.. ނަތަންޔާހޫއާ ދެމީހުން ކުޅޭ އަކުންބަކުން.. ތިކަމާ އުފާކުރާނީ އިދިކޮޅު ދިވެހި އިޑިއަންސް. ތިއީ އަހަރެމެން މައްދިވެހިން އުފާކުރަންޖެހޭ ކަމެއްނޫން... މުނާފިގުންތިބޭ އަތްޖަހަން. އަސްލީ ނަގުލީ ޗެހެރާ

  4. މުހަަައްމަދު ނަސީރު

    މިއީޑުބާައިގަ ފަައްޅިއެއް އެޅުމުގެ ބޭނުމުގަ ކުރިޒިޔާރަތެއް އެކަން އެމީހުން ހާސިލް ކޮއްފި

  5. ކީއްކުރަން މަރުޚަބާ ކިޔާ މީހެއް ޒަޔަނިސްޓް އިޒްރޭލް ގެ ބޮޑުވަޒީރާއި ދެމީހުން ގުޅިގެން ފަލަސްތީންގެ މުސްލިމުން ނައްތާލަން އުޅޭ މީހެއް ތީ