އިނގިރޭސިވިލާތުގެ ޕްރިންސް ފިލިޕް ދުއްވަމުން ދިޔަ ކާރު ވެހިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަކުން އޭނާ އަށް ގެއްލުމެއް ނުލިބި ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލިޕް ދުއްވަން އިން ކާރުގައި ޖެހުނީ އަންހެނަކު ދުއްވަމުން އައި ވެހިކަލެކެވެ. ޕްރިންސް ފިލިޕާއި އެކު ފިލިޕްގެ ޑްރައިވަރާއި ބޮޑީގާޑް ވެސް ކާރުގައި ތިއްބެވެ. އެކްސިޑެންޓްވި ކާރުގައި ވެސް ޑްރައިވަރުގެ އިތުރުން އިތުރު ފަސެންޖަރަކު އިނެވެ.

ފުލުހުން ބުނާ ގޮތުގައި އެކްސިޑެންޓް ވުމުން ޕެރަމެޑިކުން ވަނީ ޕްރިންސް ފިލިޕްގެ ހާލު ބަލާފައެވެ. ހޮސްޕިޓަލަށް ގެންދަން ޖެހޭ ވަރުގެ ކަމެއް ފިލިޕްގެ ކިބައިން ފާހަގަ ނުކުރެވުމުން ވަނީ ގަނޑުވަރަށް ގެންގޮސްފައެވެ.

އުމުރުފުޅުން 97 އަހަރުގެ ފިލިޕަކީ މިހާރު ވެސް އާއްމުކޮށް ވެހިކަލް ދުއްވާ ބޭފުޅެކެވެ.

ފިލިޕްގެ ވެހިކަލްގައި ޖެހުނު ވެހިކަލް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ފިލިޕްގެ ވެހިކަލް އެކްސިޑެންޓް ވުމުން އެވެހިކަލް ވެސް ވަނީ ކޮންޓްރޯލް ނުކުރެވިގެން މަގުން ކައްސާލާފައެވެ.

ރާނީ އެލިޒަބަތުގެ ފިރިކަލުން ފިލިޕް އެކްސިޑެންޓްވި ކަން ޝާހީ އާއިލާ އިން ވަނީ ކަށަވަރު ކޮށްދީފައެވެ. ޝާހީ އާއިލާ އިން ބުނީ ފިލިޕަށް އެކްސިޑެންޓްގައި އެއްވެސް އަނިޔާއެއް ނުވާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ސަބަބު ދެނެގަތުމަށް ތަޙްޤީޤު ކުރިއަށްދާ ކަމަށެވެ. ދެވެހިކަލް ދުއްވަން ތިބި މީހުން ވެސް މިހާރު ވަނީ ބަނގުރާ ބޮއެގެން ތިބިތޯ ބަލަން ޓެސްޓް ކޮށްފައެވެ. އެއްވެސް މީހަކު ބަނގުރާ ބޮއެގެން ތިބި ކަމަށް ޓެސްޓަކުން ދައްކާފައެއް ނުވެއެވެ.