އިރާގާއި ސީރިޔާ އަދި މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ނިރުބަވެރި ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް) އަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާދިޔަ ބޮޑެތި ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ހަރަކާތްތެރިވަމުންދިޔަ ޖަމާޢަތެކެވެ.

ޖިހާދުގެ ނަމުގައި މި ޖަމާޢަތާއި ގުޅުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ސީރިޔާ އާއި އިރާގަށް ހިޖުރަކޮށްފައިވާއިރު އޭގެތެރެއިން ބައެއް މީހުން ވަނީ އެމީހުންނަށް ހަނގުރާމަވެރި މައިދާނުގައި ކުރިމަތިވި ބައެއް ކަންކަން ނޫސްތަކުގައި ޙިއްސާކޮށްފައެވެ.

މިއީ އައިއެސް އާއި ގުޅުމަށް އަމިއްލަ ގެދޮރާއި ވަޒަން ދޫކޮށް ޅައުމުރުގައި ސީރިޔާއަށް ފިލައިގެން ދިޔަ އިނގިރޭސިވިލާތުގެ އަންހެން ކުއްޖެއްގެ ވާހަކައެވެ. މިހާރު އުމުރުން 19 އަހަރު ވެފައިވާ ޝަމީމާ ބޭގަމްއަކީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އިނގިރޭސިވިލާތުން ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް ޤައުމުން ފިލައިގެން ދިޔަ ތިން ސްކޫލު ދަރިވަރުންގެ ތެރެއިން އެކެކެވެ.

އޭނާ ވަނީ އިނގިރޭސި ނޫހަކަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި، އަނބުރާ ގެޔަށް އަންނަން ބޭނުންވާ ވާހަކަ ބުނެފައެވެ. ހަނގުރާމައިގެ މައިދާނަށް ދިޔަފަހުން ޝަމީމާ ވަނީ ހަނގުރާމަވެރިޔަކާއި ކައިވެނިކޮށްފައެވެ. އެކައިވެންޏަށް ކުރިން ދެ ކުއްޖަކު ލިބިފައިވާއިރު މިހާރުވެސް އޭނާ އިނީ އިތުރު ކުއްޖަކަށް ބަލިވެއެވެ.

ކުރިން ޝަމީމާއަށް ލިބުނު ދެ ކުދިންވެސް ހަނގުރާމައިގެ ތެރެއިން މަރުވެފައިވާއިރު، އޭނާ ބުނެފައިވަނީ މިހާރު ނުވަމަސްވެ ވިހަން ކައިވެރިވެފައިވާ ދަރިފުޅުގެ ފުރާނައާއި މެދު ކަންބޮޑުވާ ކަމަށެވެ. ޝަމީމާގެ ފިރިމީހާވެސް ވަނީ ހަނގުރާމައިގެ މައިދާނުގައި ދާދިފަހުން މަރުވެފައެވެ. 2015 ވަނަ އަހަރުގެ ކުރީކޮޅު އިތުރު ދެ ރަހުމަތްތެރިންނާއި އެކު ސީރިޔާއަށް ދިޔަ ޝަމީމާ ބުނެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ސީރިޔާ އާއި އިރާގުގެ އެކި ހިސާބުތަކުގައި ދިރިއުޅެފައިވާކަމަށެވެ.

އެގޮތުން އެންމެ ފަހުން އޭނާ ދިރިއުޅެމުންދިޔަ ރައްޤާގައި އެމެރިކާ ސިފައިން ހިނގި ވަރުގަދަ އޮޕަރޭޝަނަށްފަހު އެ އަވަށުން އައިއެސްގެ ބާރު ކަނޑުވާލުމާއި އެކު ހަނގުރާމަވެރިންގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ކައިރީގައި އޮންނަ އިރާގުގެ ބޯޑަރު ހުރަސްކޮށް އެ އަވަށުން ފިލާފައެވެ. ޝަމީމާ ބުނީ މިހާރު އޭނާ އަނބުރާ ގެޔަށް ދާން ބޭނުންވިނަމަވެސް ހަނގުރާމައިގައި ބައިވެރިވުމަށް ސީރިޔާއަށް ހިޖުރަކުރެވުމުން އެކަމާއި އޭނާ ދެރަނުވާ ކަމަށެވެ.

އެހެން ނަމަވެސް ނުރައްކާތެރި ތަނެއްގައި ދިރިއުޅެން ޖެހުމުންނާއި ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ މާބޮޑު ޔަޤީންކަމެއް ނޯންނާތީ ޖެހިލުންވާކަމަށް އޭނާ ބުންޏެވެ. "މިތަނަށް އާދެވުމުން އަހަރެން ދެރައެއް ނުވޭ. އެކަމަކު މިތަނުގައި އުޅޭއިރު މިނިވަންކަމެއް ނެތުމުން އަދި އަބަދުވެސް ބިރެއްގެ މަތީ އުޅެން ޖެހުމުން ޖެހިލުންވޭ. އަދި މީހުންގެ ކަރު ބުރިކޮށް ގަތުލުކުރާ މަންޒަރު ބަލަން ބިރުގަނޭ. މިހާރު އަހަރެން ބޭނުންވަނީ އެނބުރި ޤައުމަށް ދާން. ބަނޑުގައި އޮތް އަހަރެންގެ ދަރިފުޅަށް ދިރިއުޅުމެއް ހޯދައިދިނުމަކީ އަހަރެން މިހާރު ބޭނުންވާ ގޮތް،" ޝަމީމާ ބުންޏެވެ.

ޝަމީމާ ބުނެފައިވާގޮތުގައި، އޭނާ އާއި އެކު ސީރިޔާއަށް ދިޔަ އޭނާގެ ދެ އަންހެން ރަހުމަތްތެރިން އެ ޤައުމަށް ދިޔަފަހުން ވީތަނެއް އޭނާއަކަށް ނޭނގެއެވެ. އެހެން ނަމަވެސް އެމީހުން އަދި އެ ނުރައްކާތެރި މައިދާނުން އަދި ސަލާމަތްކުރެވިދާނެ ކަމުގެ އުންމީދު އެބައޮތްކަމަށް ޝަމީމާ ބުންޏެވެ.

ޝަމީމާ ވަނީ ސީރިޔާއިން އެނބުރި އިނގިރޭސިވިލާތަށް ދިއުމަށް އިނގިރޭސި ސަރުކާރުގެ މަދަދަށް އެދިފައެވެ. އަދި އެކަމުގައި އެޤައުމުން އޭނާއަށް އެހީވެދޭނެކަމުގެ އުންމީދު އޮތްކަމަށާއި، ޤައުމަށް އެނބުރިދާން ތައްޔާރަށް ހުރިކަމަށް އޭނާ ބުންޏެވެ.

ޝަމީމާގެ މި ވާހަކަތަކާއި ގުޅިގެން އިނގިރޭސި ރަސްމީ ފަރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްލާމިކް ސްޓޭޓްސް އިން މީގެ ކުރިން ވަނީ އިނގިރޭސިވިލާތުގައި ވެސް އެކި ފަހަރުގެ މަތިން ނިރުބަވެރި ހަމަލާތައްދީ ގިނަ ބަޔަކު މަރާލާފައެވެ. މި ސަބަބަށްޓަކައި އައިއެސް އާއި ދެކޮޅަށް އިނގިރޭސި ކަމާއި ބެހޭ ފަރާތްތަކުންވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.