އިރާގާއި ސީރިޔާ އަދި މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ނިރުބަވެރި ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް)އާ މީގެ ހަތަރު އަހަރު ކުރިން ގުޅުނު އުމުރުން 19 އަހަރުގެ ޝަމީމާ ބޭގަމް މިހާރު އަނބުރާ އުފަން ގައުމު އިނގިރޭސިވިލާތަށް ދާން ބޭނުންވެއެވެ.

ބީބީސީއަށް ޝަމީމާ ދިން އިންޓަވިއުއަކަށްފަހު އޭނާގެ ވާހަކަތައް މީޑިއާގައި މަޝްހޫރުވެފައިވާ އިރު، އޭނާ އަނބުރާ ގައުމަށް އެތެރެވުމަށް އޮތް ހުރަހަކީ އުފަން ގައުމު، އިނގިރޭސިވިލާތުގެ ސަރުކާރެވެ. މީގެ ދެ ދުވަސް ކުރިން ސީރިޔާގައި ހުރެ ވިހާފައިވާ ޝަމީމާ ބުނެފައި ވަނީ "އައިއެސްގެ ޕޯސްޓަ ގާލް"އަކަށްވުމަށް އޭނާ ބޭނުން ނުވާ ކަމަށާއި، އޭނާ މިހާރު ބޭނުން ވަނީ ހަމަޖެހިލައިގެން އަމިއްލަ ގައުމުގައި ދަރިފުޅު ބޮޑުކުރަން ކަމަށެވެ.

ޝަމީމާ އެ ހުވަފެން ދެކުނު ނަމަވެސް، އޭނާއަށް މިއަދު އިވިގެން ދިޔައީ އަޑުއަހަން އުނދަގޫ ހަބަރެކެވެ. އިނގިރޭސިވިލާތުން އޭނާގެ "ސިޓިޒެންޝިޕް" ނެގި ކަމުގެ ހަބަރެވެ. މިހާރު ޝަމީމާއަކީ އެއްވެސް ގައުމަކަށް ނިސްބަތް ނުވާމީހަކަށްވާ އިރު، އޭނާއާ ގުޅުން އޮތް ހަމައެކަނި ގައުމަކީވެސް ބަންގްލަދޭޝްއެވެ.

ޝަމީމާ ނިސްބަތް ވަނީ ބަންގްލަދޭޝްގެ ދަރިކޮޅަކަށް ކަމަށް މީޑިއާތަކުން ބުނި ނަމަވެސް، އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

ޝަމީމާ ބޭގަމް ---

"އަހަރެން ނިސްބަތްވާ ގައުމެއް ނޫން ބަންގްލަދޭޝް އެއީކީ. އެގައުމުގެ ޕާސްޕޯޓު އަހަރެން އަތު ދުވަހަކުވެސް ނޯވޭ. އަހަރެން އައިއެސްއާ ގުޅުމަށް ދަތުރުކުރީ ދައްތަގެ ޕާސްޕޯޓުގައި. ބޯޑަރުން އެ ވަނީ ހިފަހައްޓާފަ. އަހަރެންގެ ދަރިފުޅު ގޮވައިގެން ވަންނާނެ ތަނެއް ނެތް. ދާނެ ގައުމެއް ނެތް. މިއީ ހިތް ފަޅައިގެންދާވަރު ވިސްނުމެއް. ބޯ ގޮވައިފި،" ޝަމީމާ ބުނެފައިވެއެވެ.

އުމުރުން 15 އަހަރު ސްކޫލް ކުއްޖެއްގެ ގޮތުގައި އައިއެސްއާ ގުޅުމަށް ސީރިޔާއަށް ދިޔަ ޝަމީމާގެ ލޯޔަރުންގެ ޓީމުން ބުނެފައި ވަނީ އަދިވެސް އުންމީދަކީ ޝަމީމާއަށް އަނބުރާ ގައުމަށް ދެވުން ކަމަށާއި، އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ހަނގުރާމައިގެ މައިދާނަށް ދިޔުމަށް ޝަމީމާ ވަނީ ނެދަލޭންޑްސްގެ ހަނގުރާމަވެރިޔަކާ ކައިވެނިކޮށްފައެވެ. އެކައިވެންޏަށް ކުރިން ދެ ކުއްޖަކު ލިބިފައިވާއިރު، ދެ ކުދިންވެސް ހަނގުރާމައިގެ ތެރޭގައި ޅަ އުމުރުގައި މަރުވިއެވެ.

ޝަމީމާގެ ފިރިމީހާވެސް ވަނީ ހަނގުރާމައިގެ މައިދާނުގައި ދާދިފަހުން މަރުވެފައެވެ. 2015 ވަނަ އަހަރުގެ ކުރީކޮޅު އިތުރު ދެ ރަހުމަތްތެރިންނާއި އެކު ސީރިޔާއަށް ދިޔަ ޝަމީމާ ބުނެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ސީރިޔާ އާއި އިރާގުގެ އެކި ހިސާބުތަކުގައި ދިރިއުޅެފައިވާކަމަށެވެ.