އިންޑިޔާއާއި ޕާކިސްތާނާއި ދެމެދުގައި އޮންނަ ކޯރުތަކުން ޕާކިސްތާނަށް ފެން ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށް އިންޑިޔާގެ ޓްރާންސްޕޯޓް އެންޑް ވޯޓަރ ރިސޯސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ޓްރާންސްޕޯޓް އެންޑް ވޯޓަރ ރިސޯސް މިނިސްޓަރ ނިތިން ގަޑް ކަރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިޔާގެ ކޯރުތަކުން ޕާކިސްތާނަށް ފެން ދާ ގޮތަށް އޮތް އޮތުން ބަދަލުކުރަން އިންޑިޔާގެ ސަރުކާރުން ނިންމާފައިވާ ކަމަށެެވެ. އަދި މިފެންތައް އިންޑިޔާގެ އަވަށްތަކަށް ދާ ގޮތަށް ހެދުމަށް ވިސްނުން އެބަހުރި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް މިނިސްޓަރ ދެއްވާފައިއެއް ނުވެއެވެ.

މިނިސްޓަރ މިހެން ވިދާޅުވިނަމަވެސް، އިންޑިޔާގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވީ، މިއީ އަލަށް ނެގުނު ސްޓޭޑެއް ނޫން ކަމަށާއި މިއީ މިދިޔަ އަހަރު ޑިސެންބަރ މަހުން ފެށިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށެވެ. އަދި މިމީ އިންޑީޔާގައި ޑޭޕްއިން ކަރަންޓް ނެގުމަށް އުފައްދަން އުޅޭ ޕްރަޖެކްޓްގެ ދަށުން ހިންގާ މަޝްރޫއުއެއް ކަމަށެވެ.

މިނިސްޓަރ މިފަދަ ގޮތަކަށް ޓްވީޓެއް ކުރައްވާފައިވަނީ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެއީ ކަޝްމީރުގައި ދިން ހަމަލާއެއްގައި42 ސިފައިން މަރާލުމާ ގުޅިގެނެވެ. އިންޑީޔާއިން މިކަމުގެ ތުހުމަތު ޕާކިސްތާނުގެ ބޮލުގައި އެޅުވި، ނަމަވެސް ޕާކިސްތާނުންމިކަން ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު