އިރާގާއި ސީރިޔާ އަދި މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ނިރުބަވެރި ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް)އާ މީގެ ހަތަރު އަހަރު ކުރިން ގުޅުނު އުމުރުން 19 އަހަރުގެ ޝަމީމާ ބޭގަމް ވިހެއި ދަރިފުޅު ޖަރާހް ނިއުމޯނިއާ މަރުވެފައި ވަނީ ސީރިއާގެ ކޭމްޕް ތެރޭގައެވެ.

ޝަމީމާ ވިހެއި ފިރިހެން ދަރިފުޅު މަރުވިކަން އިނގިރޭސިވިލާތުގެ ސަރުކާރުންވެސް މިހާރު ޔަގީން ކޮށްދީފައިވާ އިރު، އެގައުމުގެ ސަރުކާރުން ބުނެފައި ވަނީ ކޮންމެ ކުއްޖެއްގެ މަރަކީވެސް އެގައުމަށް އިންތިހާއަށް ހިތާމަވެރިކަން ގެނުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ހިނގަމުންދާތީ ސީރިއާ ފަދަ ގައުމުތަކުގެ ޖަމާއަތްތަކާ ގުޅުމަށް ނުދާން އެތައް ފަހަރަކު ސަރުކާރުން ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް އިދާރާތަކުން ބުނެފައިވެއެވެ.

ޝަމީމާ ވިހާފައި ވަނީ އަލްހޮލް ރެފިއުޖީ ކޭމްޕެެއްގެ ތެރެއަށެވެ. އެތަނުގައި އޭނާއާ ދަރިފުޅަށް އިންޒާރުދެމުން އަންނާތީ އެތަނުން ބަދަލުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާއަކީ އައިއެސްއާއި ގުޅުމަށް އަމިއްލަ ގެދޮރާއި ވަޒަން ދޫކޮށް ޅައުމުރުގައި ސީރިޔާއަށް ފިލައިގެން ދިޔަ އިނގިރޭސިވިލާތުގެ އަންހެން ކުއްޖެކެވެ.

ޝަމީމާ މިހާރު އަނބުރާ އުފަން ގައުމު އިނގިރޭސިވިލާތަށް ދާން ބޭނުންވެއެވެ. ނަމަވެސް، އެގައުމުން ވަނީ އޭނާގެ ޕާސްޕޯޓް ކެންސަލް ކޮށްފައެވެ. އަދި އޭނާގެ ބައްޕަ ނިސްބަތްވާ ބަންގްލަދޭޝްއަށްވެސް އަރަން ހުއްދަ ނުދިނުމުން އޭނާ ހުރީ ދާނެ ވަޒަނެއް ނެތިއެވެ.

ހަނގުރާމައިގެ މައިދާނަށް ދިޔުމަށް ޝަމީމާ ވަނީ ނެދަލޭންޑްސްގެ ހަނގުރާމަވެރިޔަކާ ކައިވެނިކޮށްފައެވެ. އެކައިވެންޏަށް ކުރިން ދެ ކުއްޖަކު ލިބިފައިވާއިރު، ދެ ކުދިންވެސް ހަނގުރާމައިގެ ތެރޭގައި ޅަ އުމުރުގައި މަރުވިއެވެ.

ޝަމީމާގެ ފިރިމީހާވެސް ވަނީ ހަނގުރާމައިގެ މައިދާނުގައި ދާދިފަހުން މަރުވެފައެވެ. 2015 ވަނަ އަހަރުގެ ކުރީކޮޅު އިތުރު ދެ ރަހުމަތްތެރިންނާއިއެކު ސީރިޔާއަށް ދިޔަ ޝަމީމާ ބުނެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ސީރިޔާ އާއި އިރާގުގެ އެކި ހިސާބުތަކުގައި ދިރިއުޅެފައިވާކަމަށެވެ.

ޝާމީމާގެ މަންމައާ ހަވާލާ ދީ އޭނާގެ ގާނޫނީ ވަކީލުން ވަނީ، ދަރިފުޅު އިނގިރޭސިވިލާތަށް އެތެރެވުމަށް ފުރުސަތު ދިނުމަށް "އާދޭހާ"އެކު ދަންނަވާފައެވެ. ޝާމީމާ މަންމަ ބުނެފައި ވަނީ ޝަމީމާ ވިހެއި ދަރިފުޅު މަރުވުމާއެކު ޝަމީމާ ހިތްފަޅައިގެން ގޮސްފައިވާ ކަމަށާއި، އެނބުރި ގައުމަށް އަންނަ އިންތިހާއަށް ބޭނުންވާ ކަމަށެވެ.

އޭނާގެ މަންމަ ބުނީ ގައުމުން ފުރައިގެން ދިޔައީ ނުވެސްނޭ އިރުގައި ކަމަށްވާ އިރު، މިހާރު ގައުމަށް ނުވެއްދެންވި ސަބަބެއް ނެތް ކަމަށާއި، އިނގިރޭސި ސަރުކާރުން ޝަމީމާ ގައުމަށް ނުވައްދަން އުޅެނީ "ރަހުމު ކުޑަ" ކަމުން ކަމަށެވެ.