ބަލިއެނދުގައި އޮތް 90 އަހަރުގެ އަންހެނަކު ބަލަން އޮއްވާ އޭނާގެ ގެއިން ވައްކަންކޮށްގެން ދިޔަ މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.

އެވަގުތު ނިދާފައި އޮތް އެ އަންހެން މީހާއަށް ހޭލެވުނީ އެގޭގައި މީހަކު އުޅޭހެން ހީވުމުންނެވެ. އެ އަންހެން މީހާ ވަނީ އެ ވަގު ކައިރިން އޭނާ ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކޮށްފައެވެ. އެ މީހާ ބުނީ، އޭނާ ބޭނުންވަނީ ގަހަނާ ކަމަށެވެ.

އުމުރުން ގާތްގަނޑަކަށް 40 އަހަރުވެފައިވާ އެ މީހާ ކުޑަދޮރުން އެގެއަށް ވަދެ އޭގެގެ ސިޓިންގ ރޫމަށާއި، ތަންތަނަށް ވަދެ ބަލާ ޗެކްކުރި ކަމަށް ވެއެވެ. އަދި އެގެއިން ގިނަ އަދަދެއްގެ ގަހަނާ ވަގަށް ނެގިއެވެ.. އެ ހުރިހާ ގަހަނާތަކެއް އޭނާ އެޅި ހުދު ކުލައިގެ ކަރުދާސް ކޮތަޅަކަށެވެ. އަދި އެ ގެއިން ނިކުންނަމުން އެ އަންހެން މީހާއާ ގާތްވުމަށްފަހު އޭނާގެ ކޮނޑުގައި އަތް އެޅިއެވެ.

އެ އަންހެން މީހާ ބަލިވެ އުޅޭތީ އެގޭގައި ސީސީޓީވީ ހަރުކޮށްފައި ވެއެވެ. އޭގެން އެ މީހާ ކަންތައް ކުރި ގޮތް ވަރަށް ސާފްކޮށް ފެންނަން ހުރިއިރު، އެ ވަގު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އެ މީހާ ވަގަށް ނެގި ބައެއް ގަހަނާ ތަކުގެ ފޮޓޯތައް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.