ހަތިޔާރު އެޅި އަންހެނަކު އެމެރިކާގެ ކޮލެރާޑޯގެ ސްކޫލްތަކަކަށް ހަމަލާދީފާނެ ކަމުގެ މައުލޫމާތު ލިބިގެން އެސަރަހައްދުގެ 100 އަށް ވުރެ ގިނަ ސްކޫލް ބަންދުކޮށް ސަލާމަތީ ބާރުތަކުން ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮލަމްބިއަން ހައި ސްކޫލްގައި ބަޑި ޖެހުމުގެ ހާދިސާ ހިނގިތާ 20 އަހަރު ފުރުމާއި ދިމާކޮށް އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކުރެވެނީ އުމުރުން 18 އަހަރުގެ އަންހެނެއް ކަމަށްވާ ސޯލް ޕެއިސް އަށެވެ.

މިއަދު ގިނަ ސްކޫލްތަކެއް ބަންދުކޮށް ބައި މިލިއަނަށް ވުރެ ގިނަ ކުދިން ވަނީ ގެއަށް ފޮނުވާލާފައެވެ.

އެފްބީއައި އާއި ސަލާމަތީ އެހެން ބާރުތަކުން ގެންދަނީ ސޯލް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެފްބީއައި އިން ބުނާ ގޮތުގައި ސޯލް އަކީ ވަރަށް ނުރައްކާތެރި މީހެކެވެ. އެހެންކަމުން އޭނާ ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް މައުލޫމާތު ދިނުމަށް އެފްބީއައި އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އިސްކޮޅުގައި 5 ފޫޓް 5 އިންޗި ހުންނަ ސޯލް އެންމެ ފަހުން ފެނިފައި ވަނީ ކަޅު ޓީޝާޓަކާއި ކެމަފްލާޖް ޖިންސެއް ލައިގެން ކަޅު ބޫޓަކަށް އަރައިގެން ހުއްޓާ ކަމަށާއި އޭނާ ކޮލެރާޑޯ އަށް ދަތުރު ކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށް އެފްބީއައި އިން ބުނެއެވެ.

މިހާތަނަށް އެފްބީއައި އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ސޯލް ވަނީ އިއްޔެ ޝޮޓް ގަން އެއް ގަނެފައެވެ.

ސޯލް ގެއްލިގެން އޭނާގެ އާއިލާ އިން ވަނީ މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

ކޮލަމްބިއަން ހައި ސްކޫލްގައި ބަޑި ޖެހުމުގެ ހާދިސާ ހިނގީ 1999 ވަނަ އަހަރުގެ އޭޕްރިލް 20 ވަނަ ދުވަހު އެވެ. ދެ ދަރިވަރަކު ވެގެން އެދުވަހު 12 ކުދިންނާއި އެކުދިންގެ ޓީޗަރުގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވެއެވެ.

ތަޖުރިބާކާރުންނާއި، ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުން ބުނާ ގޮތުގައި އެމެރިކާގެ ވަރަށް ގިނަ ސްކޫލްތަކުގައި އޭގެ ފަހުން ހިނގާފައި ހުރި ބަޑި ޖެހުމުގެ ގިނަ ހާދިސާތަކެއް އެއީ އެހަމަލާ އިން "ހިތްވަރު ލިބިގަނެގެން" ދީފައި ހުރި ހަމަލާތަކެއް ކަން ތަޙްޤީޤަށް ކަށަވަރު ކުރެވިފައިވެއެވެ.