ބަޑި ޖަހައި މީހުން މެރުމުގައި ހައްދުފަހަނައަޅާފައި އޮންނަ އެމެރިކާގެ ސްކޫލެއްގައި މިއަދު ބަޑި ޖަހައި ތިން ކުދިންނާއި ތިން މީހުން މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ނަޝްވިލްގައި ހުންނަ ދަ ކޮވެނަންޓް ސްކޫލްގައި ބަޑި ޖެހި ހާދިސާގައި މަރުވި ތިން ކުދިންނާއި ބޮޑު ތިން މީހުންގެ އިތުރު މައުލޫމާތެއް އަދި ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

200 ވަރަކަށް ކުދިން ކިޔަވަމުން އަންނަ ޕްރެވެޓް ސްކޫލްގައި ބަޑި ޖަހާފައި ވަނީ 28 އަހަރުގެ އަންހެނެއްކަން މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އޭނާ އެހަމަލާ ދިނީ ކޮން މަގުސަަދެއްގައި ކަމެއް އަދި ފުލުހުންނަށް ކަށަވަރެއް ނުކުރެވެއެވެ.

ފުލުހުން ވަނީ އަންހެން މީހާ ހަމަލާ ދެމުން ދަނިކޮށް ސްކޫލްގެ ތެރަށް ވަދެ އަންހެން މީހާގެ ގަޔަށް ބަޑި ޖަހާފައެވެ. ނަމަވެސް އަންހެން މީހާ މަރުވި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.

ފުލުހުން މިހާރު ދަނީ މިހަމަލާ ދިން މަގުސަދެއް ކަށަވަރު ކުރަން ތަހްގީގު ކުރަމުންނެވެ. އަންހެން މީހާ މަސައްކަތް ކުރާ އޮފީހަށް ފުލުހުން ވަދެ އެއޮފީސް ފާސްކުރަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ސްކޫލްތަކުގައި ވެސް ބަޑިން ހަމަލާ ދިނުމަކީ ވަރަށް އާއްމު ކަމެކެވެ. މިދިޔަ އަހަރު އެމެރިކާގެ ޓެކްސަސްގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ވެސް 19 ދަރިވަރުންނާއި ދެ ޓީޗަރުން މަރުވެފައި ވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ވެސް މިހާތަނަށް އެމެރިކާގެ އެކި ސަރަހައްދުތަކުގައި ބަޑިން ހަމަލާ ދިނުމުގެ 128 ހާދިސާއެއް ރިޕޯޓް ކޮށްފައި ވެއެވެ. ފާއިތުވި ދެއަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކު ވެސް ބަޑި ޖަހައިގެން މީހުން މެރުމުގެ 600 އަށް ވުރެ ގިނަ ހާދިސާ އެމެރިކާގައި ހިނގައެވެ.

ބަޑި ޖެހުމުގެ މިފަދަ ކޮންމެ ހާދިސާއަކާއި ގުޅިގެން ވެސް އެމެރިކާގައި ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމުގެ ބަހުސް ކުރެވެއެވެ. ނަމަވެސް ބަޑި އުފައްދާ ކުންފުނިތަކުގެ ނުފޫޒު އެމެރިކާގެ ސިޔާސީ ފަރާތްތަކުގެ މައްޗަށް އޮންނަ މިންވަރު ބޮޑުވުމުން ބަޑި ގެންގުޅުން ކޮންޓްރޯލް ކުރަން އެމެރިކާގައި ގާނޫނުތަކެއް ހެދުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިސާރޗް 1

    މިއީ މުސްލިމަކު ދިން ޙަމަލާއަކަށް ވިނަމަ، މިވީސް ޓެރަރިޒަމް އަށް!
    ދޮން ނަސްލުގެ ކްރިސްޓިއަނަކު ދިން ޙަމަލާއެއް ވީމާ މިއީ އާދައިގެ ކަމެއް!
    އެއްވެސް ޙާލަތެއްގައި ޓެރަރިޒަމްއެއް ނޫން!

  2. ނާނު

    މުޅިސަރުކާރު އުޅެނީ ޓިކްޓޮކްއާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން. ކަންމަތީ ފިހާރަތަކުން ހަތިޔާރު ވިއްކުން މަނާކުރާކަށް ނޫޅޭ އަދިވެސް.