މިއަދު ފާހަގަ ކުރަމުން އަންނަ އެމެރިކާގެ މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ހިނގާލުމަކަށް ބަޑި ޖަހައި ބަޔަކު މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމެރިކާގެ އިލިނޮއިސްގައި ބޭއްވި ހިނގާލުމެއްގެ ތެރެއަށް ބަޑި ޖެހުމުގެ ސަބަބުން ފަސް މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. އަދި އިތުރު 16 މީހަކު ވަނީ ޒަހަމްވެފައެވެ. ޒަހަމްވި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާތީ މިހަމަލާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހިނގާލުމުގެ ތެރެއަށް ބަޑި ޖަހާފައި ވަނީ ހިނގާލުން ފެށިތާ 10 ވަރަކަށް މިނެޓް ފަހުންނެވެ. ހިނގާލުމުގެ ތެރެއަށް ބަޑި ޖެހުމާއިއެކު ފުލުހުން ވަނީ ބަޑި ޖެހި މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އަދި މިހާތަނަށް ހަމަލާ ދިން މީހާ ހައްޔަރު ކުރެވުނު ކަމަކަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ހިނގާލުން ކުރިއަށް ދަނިކޮށް ބަޑި ޖަހާ އަޑު އިވުމާއިއެކު ހިނގާލުމުގައި ބައިވެރިވި މީހުން ހަމަލާ އިން ސަލާމަތް ވުމަށް ދުއްވައި ގަނެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ދިން ކަމަށް ލަފާ ކުރެވެނީ ހިނގާލުން އޮތް ސަރަހައްދުގެ ކައިރީ ހުރި އުސް އިމާރާތަކުންނެވެ.

https://twitter.com/NewsForAlI/status/1543989922423623680?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1543989922423623680%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.rt.com%2Fnews%2F558368-shooting-july-4th-parade-highland-illinois%2F

ބަޑި ޖެހުމުގެ ހާދިސާ ހިނގި އަވަށަކީ އެމެރިކާގެ ނިސްބަތުން ކުށް މަޑު ސަރަހައްދެކެވެ. މުޅި އެމެރިކާގެ ކުށުގެ ރެކޯޑަށްވުރެ އެސަރަހައްދުގައި ކުށުގެ ރެކޯޑް %75 މަދުކަމަށް ވެއެވެ.

އެމެރިކާގެ މިނިވަން ދުވަހާއި ގުޅިގެން ބަޑި ޖެހުމުގެ ހަމަލާތަކެއް ދީފާނެކަމަށް ބެލެވިގެން ބައެއް ސަރަހައްދުތަކުގައި މިއަދު ވަނީ ހިނގާލުންތައް ކެންސަލް ވެސް ކޮށްފައެވެ.