ބީޖޭޕީގެ ވެރިކަމެއް އޮތްހާ ދުވަހަކު އިންޑިއާއަށް އެބުރި ނުދާނެ ކަމަށް އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ހޯދަން ބޭނުންވެފައިވާ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް ދިރިއުޅުވަމުން ގެންދަވަނީ މެލޭޝިއާގައެވެ. އިންޑިއާ އިން އޭނާ ހޯދަން އިއުލާން ކޮށްފައިވަނީ 2016 ވަނަ އަހަރު ޑާކާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ޒާކިރް ނައިކުގެ ތަގްރީރުތަކުން ހިތްވަރު ލިބުނު ބައެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެއެވެ. ޒާކިރު ވަނީ ހަމަ އެ އަހަރު އިންޑިއާ ދޫކޮށް މެލޭޝިއާ އަށް ގޮސްފައެވެ.

އިންޑިއާގެ ނޫހަކަށް ދިން ބަސްތީގަތުމެއްގައި ޒާކިރު ވިދާޅުވީ އިންޑިއާ ސަރުކާރުން އޭނާގެ މައްޗަށް ދާދިފަހުން އުފުލި މަނީ ލޯންޑިރިންގެ ދައުވާ އަކީ ވެސް އެއްވެސް ތާކުން ތާކު ނުޖެހޭ ދައުވާއެއް ކަމަށާއި މިހާރު އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީގެ ސަރުކާރުން އިންޑިއާގެ މުސްލިމުނާއި ދެކޮޅަށް ހަރުކަށިވެ ފިޔަވަޅު އަޅަމުންދާކަމަށެވެ.

"އަހަރެން އިންޑިއާއަށް އެބުރި ދާނަން އެހެން ނަމަވެސް މިހާރު އޮތް ބީޖޭޕީގެ ސަރުކާރު އޮތްވައި އަހަރެން އިންޑިއާއަށް ގޮސްފިނަމަ އަހަރެންނާއި ދެކޮޅަށް ކުރާނީ ނާއިންސާފުން ހިންގާ ޝަރީއަތެއް" ޒާކިރު ވިދާޅުވިއެވެ.

މުމްބާއީގެ ސްޕެޝަލް ކޯޓެއްގައި ޒާކިރު ނައިކުގެ މައްޗަށް އިންޑިއާ ސަރުކާރުން ދައުވާ ކޮށްފައިވަނީ 193 ކަރޯޑު އިންޑިއާ ރުޕީސްގެ ކަޅުފައިސާ ދޮވުމުގެ ތުުހުމަތުގައިިކަމަށް ރިޕޯޓްތަށް ބުނެއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ކަޅު ފައިސާ ބޭނުންކޮށްގެން ޒާކިރު ނައިކު އިންޑިއާގައި ރިއަލް އެސްޓޭޓުގެ ވިޔަފާރިކޮށްފައިވާކަމަށް އިންޑިއާ ސަރުކާރުން ތުހުމަތު ކުރެއެވެ.

ޒާކިރު ނައިކް މަޝަހޫރުވުމުގައި ގުރުއާނާއި ހަދީސް ހިތުދަސްކޮށްފައި ހުންނަ ވަރާއި އެހެންދީން ތަކުގެ ފޮތްތަކުގެ ބައިތައް ހިތުދަސްކޮށްފައި ހުންނަ ހުރުން ފާހަގަކޮށްލެވެއެވެ.