ފީފާ ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް މުސްލިމް ގައުމެއްގައި ބާއްވާއިރު، އިސްލާމްދީން ފެތުރުމަށް މުބާރާތް ހޯސްޓްކުރާ ގައުމު ކަމަށްވާ ގަތަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަން ގަތަރުން ވަނީ ވޯލްޑް ކަޕްގައި މަނާކޮށްފައެވެ.

މުޅި ދުނިޔެ ދުށް އެންމެ ވަރުގަދަ ދީނީ ޢިލްމީ ޝަހުޞިއްޔަތެއް ކަމަށްވާ "ޑރ. ޒާކިރު ނައިކް" މިހާރު ހުރީ ގަތަރުގައި ކަމަށް ބޭރުގެ އިތުބާރު ހިފޭ ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. ގަތަރަށް ވޯލްޑް ކަޕް ބެލުމަށް އެކި ގައުމުތަކުން ދެ މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފާ ވާއިރު ޑރ. ޒާކިރު ގެ ދަރުހެއް ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ.

ޑރ. ޒާކިރު ނައިކް އަކީ މިހާރު ދުނިޔޭގައި ތިއްބެވި އެންމެ ފުންނާބުއުސް ޢިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. މެޑިކަލް ދާއިރާއިން ތަޢުލީމު ހާސިލް ކުރެއްވުމަށްފަހު، ޝެއިޚް އަޙްމަދު ދީދާތުގެ އަރިހުން ދަރިވަރުވެ ދީނީ ތަޢުލީމު އުގެނިވަޑައިގެން، ދީނަށްޓަކައި ނުކުތް ޑރ. ޒާކިރު ވަނީ އިސްލާމު ދީނަށްޓަކައި ފާހަގަ ކޮށްލެވޭ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. އިސްލާމިކް ރިސާޗް ފައުންޑޭޝަނާއި، އިސްލާމިކް ޗެނަލް ޕީސްޓީވީއާއި އަދި އިންޓަނޭޝަނަލް އިސްލާމިކް ސްކޫލް އެކަނިވެސް މިކަމަށް ހެކިދެއެވެ. އަދި އެބޭފުޅާގެ ދީނީ ދަރުސްތަކުން އިބުރަތް ލިބި ގިނަ ބަޔަކު ވަނީ އިސްލާމް ދީނަށް އެމީހުންގެ ދީން ބަދަލުކޮށްފައެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނިގޮތުގައި ޒާކިރު ނައިކްގެ ގިނަ ދަރުސްތަކެއް މިއަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ގެނެސްދޭނެ ކަމަށާއި ވީހާ ވެސް ގިނަ ބަޔަކަށް މި ދަރުސްއަށް ދެވޭނެ އިންތިޒާމް ގަތަރުން ދަނީ ހަމަޖައްސަމުންނެވެ. އެހެންނަމަވެސް މި ދަރުސް އޮންނާނީ ގަތަރުގެ ކޮން ސަރަހަދެއްގައި ކަމާއި ކޮން ވަގުތެއްގައި ކަމެއް އަދި ހާމަކޮށްފައެއް ވެއެވެ.

މިދިޔަ މަހުގެ ތެރޭގައި ގަތަރުން ވަނީ މިއަހަރުގެ ފުޓުބޯޅަ ސްޓޭޑިއަމްތަކުގެ އިތުރުން އެގައުމުގެ މަގުތަކުގައި ވެސް ކީރިތި ރަސޫލާގެ ޙަދީޘްތައް އާއްމުންނަށް ފެންނާނެހެން ހަރުކޮށްފައެވެ. އަދި ވޯލްޑް ކަޕް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނުގެ އާޔަތެއް ކިޔައިދީ، މުޅި ދުނިޔެ އަށްް ކީރިތި ޤުރުއާން އިއްވާލަދީފައިވެއެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާނުގެ އާޔަތެއް ހުށަހަޅައި ދިނީ އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުރި، ޤަތަރުގެ ރައްޔިތެއް ކަމަށްވާ ގާނިމް އަލް މުފްތާހް އެވެ. އޭރު މުފްތާހްގެ ކައިރީގައި ހޮލީވްޑްގެ ގިނަ ފިލްމުތަކުން ފެނިފައިވާ އެމެރިކާގެ އެކްޓަރ މޯގަން ފްރީމެން ވެސް އިނެވެ.

އަދި އިސްލާމް ދީނުގައި ބަނގުރާ ހަރާމް ކޮށްފައިވާތީ ގަތަރުން ވަނީ ވޯލްޑްކަޕް 2022އަށް ހާއްސަ ސްޓޭޑިއަމްތަކުގައި ބަނގުރާ ބުއިން މަނާކޮށްފައެވެ. އިސްލާމް ދީނުގައި އައުރަ ނިވާ ކުރުމަށް ބާރު އަޅާފައިވާތީ މެޗު ބަލަން ތިބޭ އިރު އައުރަ ނިވާކުރުމަށް ގަތަރުން ވަނީ ގާނޫނުތަކެއް ވެސް ދާދި ފަހުން ހަދާފައެވެ.

ވޯލްޑް ކަޕް ރޭ އަލް ބައިތު ސްޓޭޑިއަމްގައި ފަށާފައިވާއިރު ފުރަތަމަ މެޗުން މޮޅުވުމުގެ ޝަރަފް އިކުއެޑޯ އިން ހޯދީ 0-2 ގެ ނަތީޖާއިން ގަތަރު ބަލިކޮށްގެންނެވެ.