ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ބައްޔެއް ކަމަށްވާ މަންކީޕޮކްސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ސިންގަޕޫރުން ފެނުމާއި ގުޅިގެން، އެޤައުމުން ބަޔަކު ކަރަންޓީނުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަން ހާމަކޮށް އެޤައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، ބަލީގެ ނުރައްކާ ފެތުރިދާނެ ކަމަށްޓަކައި މިހާތަނަށް ޖުމްލަ 22 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި މަންކީޕޮކްސް އަށް ޕޮޒިޓިވްވީ މީހާ އުޅުނު ހޮޓެލްގެ ބައެއް މުވައްޒަފުންނާއި އޭނާ އާއި މުޢާމަލާތު ކުރި މީހުންވެސް ހިމެނޭ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަންކީޕޮކްސް ޖެހުނު މީހާ އެ ހޮޓަލުގައި އުޅުނު ކޮޓަރި ޑިސް އިންފެކްޓު ކޮށްފައިވާ ކަމަށާއި، އެކަމުގެ ސީރިއަސް ކަމުން ސިންގަޕޫރުގެ ނޭޝަނަލް އެންވާރަމަންޓް އޭޖެންސީ (އެންއީއޭ) ގެ އެހީތެރިކަން ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

މަންކީޕޮކްސްގެ ނުރައްކަލާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ސިންގަޕޫރުގައި ކަރަންޓީނު ކޮށްފައިވާއިރު، އޭގެތެރެއިން އެއްވެސް މީހަކަށް ވައިރަހުގެ އަސަރު ކޮށްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އެމީހުންގެ ޓެސްޓުތަކެއް ހެދުމަށް ނިންމާފައިވާކަން ކުރިން އޮފިޝަލުން ބުނެފައި ވެއެވެ.

ސިންގަޕޫރުން ފުރަތަމަ ފަހަރަށް މަންކީޕޮކްސް ފެނުނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ. އެގޮތުން އެޤައުމަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހެއްގެ ހަށިގަނޑުން ވައިރަސްގެ އަސަރު ފެނިފައިވާއިރު އޭނާއަށް ވައިރަހުގެ އަސަރު ކުރީ އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން ނައިޖީރިއާއަށް ކުރި ދަތުރެއްގައި ކަމަށް ވަނީ ބެލެވިފައެވެ.

މަންކީޕޮކްސް އަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ހަށިގަނޑަށް ވާސިލުވާ ވައިރަސް އެކެވެ. މި ވައިރަސް ޖަނަވާރުންގެ ހަށިގަނޑުން އިންސާނުންގެ ހަށިގަނޑަށް ކުރަނީ އިންފެކްޓުވެފައިވާ ޖަނަވާރަކާއި މާ ކައިރިވުމުންނެވެ. އަދި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އިތުރު މީހުންނަށްވެސް މި ބަލީގެ އަސަރު ކުރާއިރު، މިއީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.

މަންކީޕޮކްސްގެ އަސަރު ކުރާން ފެށުމުން ގަދަޔަށް ހުން އައިސް، ގައިގައި ރިއްސައި ބޮޑެތި ސައިޒުތަކުގެ ފެން ބިހި މުޅި ހަށިގަނޑުގައި ނަގައެވެ. މި ވައިރަސް އަކީ ނިއުމޯނިއާ ޖެހުމަށްވެސް މަގުފަހިކުރާ ވައިރަސް އަކަށްވާއިރު، ނުރައްކާތެރި މިންވަރަކަށް ބަލީގެ އަސަރު ހަށގަނޑަށް ފެތުރިއްޖެ ނަމަ ފުރާނައަށްވެސް ނުރައްކާ ވެއެވެ.

ސިންގަޕޫރުން މަންކީޕޮކްސް ޖެހުނު މީހާއަކީ ދާދިފަހުން ނައިޖީރިޔާގައި އޮތް ހަފްލާއަކަށް ދިއުމަށްފަހު އެނބުރި ޤައުމަށް އައި މީހެކެވެ. އޭނާއަށް ބަލީގެ އަސަރު ކުރީ ނައިޖީރިއާގައި އުޅުނު ދުވަސްވަރުގައި ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު