2003 ވަނަ އަހަރު އޭރު އެމެރިކާގައި އޮތް ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރުން އިރާގަށް އަރައިގަނެގެން މުޅި މެދުއިރުމައްޗަށް ލިބުނު ގެއްލުމުން ލިބުނު ފިލާވަޅު އަދިވެސް އެމެރިކާއަށް ދަސް ނުވާކަމަށް ބުޝްގެ ވެރިކަމުގައި ވައިޓް ހައުސްގައި މަސައްކަތް ކުރި ވަރަށް އިސްފަރާތަކުން ބުނެފިއެވެ.

އެންބީސީ ނިއުސްއާއި ވާހަކަ ދައްކަމުން ބުޝްގެ ވެރިކަމުގައި ވައިޓް ހައުސްގައި މަސައްކަތް ކުރި އެލިސް ޖޯޑަން ބުނީ އެމެރިކާގެ ރައީސް ޓްރަންޕް އީރާން އާއި ކުރިމަތިލުމަށް 120000 ސިފައިން މެދުއިރުމަށްޗަށް ފޮނުވާ ކަމުގެ ރިޕޯޓްތަށް އަޑުއިވެމުންދާ ކަމަށާއި މިއީ އެމެރިކާއިން އަޅާ ކަތި ފިޔަވަޅެއް ކަމަށެވެ.

"އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ލަފާދެމުންދާ ނޭޝަނަލް އެޑްވައިޒަރަކީ ބުޝްގެ ވެރިކަމުގައި ވެސް އީރާނަށް އަރައިގަތުމަށް ލަފާ ދެމުން ދިޔަ ފަރާތް. އެހެންވީމަ މިއީ ހައިރާންވާން ޖެހޭ ކަމެއް ނޫން" އެލިސް ޖޯޑަން ބުންޏެވެ.

އޭނާ އިތުރަށް ބުނީ އީރާނަށް އަރައިގަނެ ނުވަތަ ހަމަލާދިނުމަކީ ސުންނާފަތިވެފައިވާ މެދުއިރުމަތި އެއްއަށްވުރެން ބޮޑު އަނދަވަޅަކަށް ވެއްޓޭނެ ކަމެއް ކަމަށެވެ.

2003 ވަނަ އަހަރު ނިއުކްލިއަ އަދި ބައިލޮޖިކަލް ހަތިޔާރު ހުރިކަމަށް ބުނެ އެމެރިކާއިން އިރާގަށް އަރައި އިރާގް ސުންނާފަތިކޮށް އިރާގްގައި އޮތް ގަދީމީ ތާރީހް ފުނޑުފުނޑުކޮށް، އިރާގުގެ ރައީސް ސައްދާމް ހުސެއިން ވެރިކަން ވައްޓާލައި އެއްލައިލާ އޭނާ ދަންވެސް ޖެއްސި އެވެ.

އީރާނާ އެމެރިކާގެ މައްސަލަ ހޫނުވެފައިވާ އިރު، އެ ދެގައުމުން ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އެގޮތުން އީރާނުން ބުނެފައި ވަނީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.