އިސްރާއީލުން ސީރިއާއަށް ދިން ހަމަލާތަކެއް ނާކާމިޔާބުކޮށްލައިފިއެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ އިން ބުނީ އިސްރާއީލުން ސީރިއާގެ އަމާޒުތަކަށް ދިން މިސައިލް ހަމަލާތަކެއް ސީރިއާގެ އެއާ ޑިފެންސް ސިސްޓަމުން ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.

އިސްރާއީލުން މަސައްކަތް ކޮށްފައި ވަނީ ސީރިއާގެ ވެރިރަށް ދިމިޝްކަށް ހަމަލާ ދިނުމަށް ކަމަށް ސީރިއާ އިން ބުނެއެވެ.

މިއީ ފާއިތުވި ދެ ދުވަސް ތެރޭގައި އިސްރާއީލުން ސީރިއާ އަށް ހަމަލާ ދިން ދެވަނަ ފަހަރެވެ. އިސްރާއީލްގެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ އެއްވެސް ތަނަކަށް ގެއްލުންވި ކަމެއް އަދި ސީރިއާ އިން ކަށަވަރު ކޮށެއް ނުދެއެވެ.

އިސްރާއީލުން ސީރިއާ އަށް ހަމަލާތައް ދެމުން ދަނީ ކީއްވެކަމެއް އެގައުމަކުން ނުބުނެއެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ އަމާޒަކީ ސީރިއާގައި ހަރަކާތްތެރިވާ އީރާނުގެ ސިފައިންނާއި ހިޒްބުﷲގެ ހަނގުރާމަވެރިންނެވެ. ސީރިއާގެ އަށް އަހަރުވީ ދާހިލީ ހަނގުރާމައިގައި ބައްޝާރުލް އަސަދުގެ ވެރިކަން ދިފާއު ކުރަން އެންމެ ވަރުގަދައަށް ހަނގުރާމަ ކުރަމުން ދަނީ އީރާނުގެ ސިފައިންނާއި ހިޒްބުﷲ ގެ ހަނގުރާމަވެރިންނެވެ.

އިސްރާއީލުން ވަނީ މިދިޔަ އޭޕްރިލް މަހު ވެސް ސީރިއާގެ ބައެއް ސަރަހައްދުތަކަށް ހަމަލާ ދީފައެވެ.

އިސްރާއީލުން މިރޭ ސީރިއާ އަށް ހަމަލާ ދިން އިރު މިދިޔަ ހަފްތާގައި އިސްރާއީލުގެ ވަޒީރަކު ވަނީ އެމެރިކާ އިން އިރާނަށް ހަމަލާ ދޭން އުޅޭނަމަ އީރާނާއި ހިޒްބުﷲ އިން އިސްރާއީލަށް ހަމަލާ ދީފާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެންކަމުން މިހާރު އިސްރާއީލުން މަސައްކަތް ކުރަމުން ދަނީ އެގައުމަށް ހަމަލާ އެއް އައުމުގެ ކުރިން ހަމަލާތައް ރާވާ ފަރާތްތަކަށް ހަމަލާ ދިނުމަށް ކަމަށް ލަފާ ކުރެވޭ ގަމުގައި މީޑިއާތަކުން ބުނެއެވެ.