(ޣައްޒާ، ފަލަސްތީން): މިދިޔަ އޭޕްރީލް މަހު 27 ވަނަ ދުވަހު ޢައްޒާ ބޯޑަރު ކައިރީ ބޭއްވި މުޒާހަރާއެއްގެ ތެރެއިން އިސްރާޢީލްގެ ސިފައިން ބަޑި ޖަހާ ޒަޚަމްކޮށްލި، މުޙައްމަދު ޒުރުބް އަށް ކެންސަރު ޖެހި އޭނާ ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި އުމުރުން 30 އަހަރުގެ ޒުރުބް ޝަހީދުވެފައިވާ ކަމަށާއި އޭނާ ޝަހީދުވެފައިވަނީ ވަޒަންތަކުން ލިބުނު ޒަޚަމްތައް ކެންސަރަށް ބަދަލުވެގެން ކަމަށެވެ.

ޒުރުބް އަކީ ދެކުދިންގެ ބައްޕައެކެވެ. އޭނާ އަށް އިސްރާޢީލްގެ ލާއިންސާނީ ސިފައިން ހަމަލާދީފައިވަނީ މިދިޔަ އަހަރު ނަބްކާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ޝަހީދުކޮށްލުމާއި ގުޅިގެން، ކޮންމެ ހުކުރު ދުވަހަކު މާރޗް އޮފް ރިޓާންސްގެ ނަމުގައި ބާއްވާ ސުލްހަވެރި މުޒާހަރާގައި ހުއްޓައެވެ.

ޒުރުބް ޝަހީދުވެފައިވަނީ ސިއްޙީ ގޮތުން އޭނާއަށް ލިބެން ޖެހޭ ފަރުވާ ނުލިބުމުގެ ސަބަބަންނެވެ، ޣައްޒާގެ ސިއްޙީ ކަންކަމާ ބެހޭ އިދާރާއިން ޒުރުބަށް އިތުރު ފަރުވާ ދިނުމަށް އިސްރާޢީލުން ހިފާފައިވާ ޢައްޒާގެ އުތުރުގެ ސަރަހައްދަށް ފޮނުވުމަށް އެދިފައިވާ ކަމަށާއި ނަމަވެސް އިސްރާޢީލުން އެކަމަށް އިންކާރު ކުރި ކަމަށެވެ.

ގްރޭޓް މާޗްގެ ނަމުގައި ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ މުޒާހަރާ މެދުނުކެނޑި ބާއްވަމުން އަންނަތާ މިހާރު 14 މަސް ވެއްޖެއެވެ. މިހާތަނަށް މިމުޒާހަރާތަކުގައި އިސްރާޢީލްގެ އަނިޔާވެރި ސިފައިންވަނީ 267 މީހަކު މަރާލާފައެވެ. މީގެ ތެރޭގައި 3 އަންހެނުންނާއި 2 ނޫސްވެރިންނާއި 3 ސިއްޙީ އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއި 50 ކުޑަކުދިން ހިމެނެއެވެ. އަދި މިހާތަނަށް 30،000 އަށް ވުރެ ގިނަމީހުން މިމުޒާހަރާ ތަކުގައިވަނީ ޒަޚަމްކޮށްލާފައެވެ.