ފަލަސްތީނު ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ އިސްލާމިކް ޖިހާދުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކުގައި އިސްރާއީލްގެ 65 މީހަކު ޒަހަމްވެއްޖެއެވެ.

އިސްރާއީލުން ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްލާމިކް ޖިހާދުން ދިން ހަމަލާތަކުގައި އިސްރާއީލްގެ އެކަކު ވަނީ މަރާލައިފައެވެ. އިސްރާއީލުން ސިފަ ކުރާ ގޮތުގައި ފަލަސްތީނުގައި ހަރަކާތްތެރިވަމުން އަންނަނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާއަތެކެވެ.

އިސްލާމިކް ޖިހާދުގެ މުޖާހިދުން ދިން ހަމަލާތަކުގައި ޒަހަމްވި މީހުންގެ ތެރެއިން 20 މީހެއްގެ ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި ބިއްލޫރި ހެރިގެން ބައެއް މީހުން ޒަހަމްވެ، ފަރުވާ ދޭން ޖެހިފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

އަދި 16 މީހަކަށް ވަރަށް ކުދިކުދި އަނިޔާވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލް ސިފައިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ހަމަލާތައް ދެމުން އަންނަ އިރު، މި ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އޭގެ ތެރޭގައި ފަލަސްތީންގެ ކުށެއް ނެތް ބައެއް އާންމުންނާއި އިސްލާމިކް ޖިހާދުގެ ކޮމާންޑަރުންތަކެއް ވެސް ހިމެނެއެވެ. އަދި މި ހަމަލާތަކުގައި 100 އަށް ވުރެ ގިނަ ފަލަސްތީން މީހުންނަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެމީހުންގެ ބޭނުމަކީ އިސްލާމިކް ޖިހާދުން ބޭނުން ކުރަމުން އަންނަ ތަންތަނަށް ހަމަލާދީ އެ ތަންތަން ނައްތާލުމެވެ. ރައްދުގައި އިސްލާމިކް ޖިހާދުން ވެސް ވަނީ އިސްރާއީލަށް 2،000 އެއްހާ ރޮކެޓު ހަމަލާތައް ފޮނުވާލައިފައެވެ.