އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ އިސްރާއީލްގެ ސިފައިން ވައިގެ މަގުން ޣައްޒާއަަށް ދެމުންދާ ހަމަލާތަކާއި އަދި ރައްދުގައި ޣައްޒާގައި ތިބި އިސްލާމިކް ޖިހާދުގެ މުޖާހިދުން އިސްރާއީލަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ނުވަތަ ވަގުތީ ގޮތުން މެދުކަނޑާލަން ކުރަމުންދާ މަޝްވަރާތަކަށް ކުރިއެރުން ލިބިއްޖެއެވެ.

މިސްރު މެދުވެރިއްގެ ދައުރު އަދާކޮށްގެން ކުރިއަށް ގެންދާ މަޝްވަރާތަކުން ކުރިއެރުންތައް ލިބިއްޖެކަން އިސްރާއީލުންނާއި އިސްލާމިކް ޖިހާދުން އަދި މިސްރުން ކަށަވަރު ކޮށްދިން ނަމަވެސް އަދި މިހާތަނަށް ދެފަރާތް އެއްބަސްވާ، އެއްބަސްވުމެއް ގާއިމެއް ނުކުރެވެއެވެ.

ހަމަލާތައް ހުއްޓާލަން މިސްރު މެދުވެރިއްގެ ދައުރު އަދާކޮށްގެން ކުރިއަށް ގެންދާ މަޝްވަރާތަކުން ވަކިވެއްޖެކަން އިއްޔެ އިސްރާއީލުން އިއުލާން ވެސް ކުރިއެވެ. މަޝްވަރާތަކުން ވަކިވިކަން އިސްރާއީލުން ހުކުރު ދުވަހު އިއުލާން ކުރީ ހުކުރު ދުވަހު ހެނދުނު އިސްމިކް ޖިހާދުން އިސްރާއީލަށް ވަރުގަދަ ރޮކެޓް ހަމަލާތައް ދޭން ފެށުމުންނެވެ.

ނަމަވެސް ރޭ އިސްރާއީލުން ވަނީ މަޝްވަރާތަކުގައި އިސްރާއީލުން އަނެއްކާވެސް ބައިވެރިވަމުންދާ ކަމާއި އަދި މަޝްވަރާތަކުން ކުރިއެރުންތަކެއް ވެސް ލިބިއްޖެކަން ކަށަވަރު ކޮށްދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިސްލާމިކް ޖިހާދުން މަޝްވަރާތަކަށް ހުށަހެޅި ޕްރޮޕޯސަލްގައި ވަނީ ޣައްޒާގެ ބޯޑަރުގައި އިސްރާއީލުން ބަންދުކޮށްފައިވާ ދެގޭޓެއް ހުޅުވާލައި، އިންސާނީ އެހީ އާއި ބޭސް އެތެރެ ކުރުމުގެ ހުއްދަ އިސްރާއީލުން ދިނުމެވެ.

އިސްލާމިކް ޖިހާދުން ޑިމާންޑް ކުރަމުން ގެންދިޔައީ އެޖަމާއަތުގެ ލީޑަރުން މަރަން އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލައި، ލީޑަރުންނަށް ހާއްސަކޮށް ވަކިން ހަމަލާތައް ނުދިނުމަށް ކަމަށް އިސްރާއީލުގެ މީޑިއާތަކުން ކުރިން ބުނި ނަމަވެސް އިސްރާއީލްގެ މީޑިއާތަކުން ވެސް ރޭ ބުނީ އެފަދަ ޑިމާންޑެއް އިސްލާމިކް ޖިހާދުން ކޮށްފައި ނެތް ކަމަށެވެ.

އިސްރާއީލާއި، އިސްލާމިކް ޖިހާދުން ހަމަލާތައް ހުއްޓުވަން މިސްރު މެދުވެރިއްގެ ދައުރު އަދާކޮށްގެން މިދިޔަ އަންގާރަ ދުވަހުން ފެށިގެން މަޝްވަރާތައް އެބަކުރިއަށް ގެންދެއެވެ.

އިސްރާއީލުން އަންނަނީ މިދިޔަ ހަފްތާގެ ހުކުރު ވިލޭރެއިން ފެށިގެން ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގައި މިހާތަނަށް 31 މީހަކު ޝަހީދުވެއްޖެއެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    ކޮންމެފަހަރަކު ޔަހީދީންބޭނުންވަރަކަށް ހަމަލާދީފަ ބޭނުންވާތަންޔަންގޮއްވާލާފަ ބޭނުންމީހަކުމަރާލާފަ ދެންމިބުނަނީ ހުއްޓާލަން މަޝްވަރާކުރަންއެއްބަހޭ.. ސަޅި