އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 30 މީހުން ޝަހީދުކޮށްލި އިރު، 90 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލްގެ ވަކިތަކުގެ ދަށުވި މީހުންގެ ތެރޭގައި ތިން އަންހެނުންނާއި ހަ ކުޑަކުދިން ހިމެނެއެވެ. އަދި ފަލަސްތީނުގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ ކޮމާންޑަރުންތަކެއް ވެސް ޝަހީދުވެފައިވާ ކަމަށް ޣައްޒާ އިން ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުން ބޮން އެޅުމާ ގުޅިގެން ރައްދުގައި އިސްލާމިކް ޖިހާދުގެ މުޖާހިދުން ވެސް ރޮކެޓު ހަމަލާތައް އިސްރާއީލަށް ފޮނުވާލާފައިވެއެވެ. އެ ހަމަލާތަކުގައި އިސްރާއީލްގެ މީހަކު ވަނީ މަރާލައިފައެވެ. އަދި އިތުރު ބަޔަކު ޒަހަމްވެ، ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދާއި އިސްރާއީލްގެ އަސްކަރިއްޔާއާ ދެމެދު ހަމަލާތައް ބަދަލުތައް ކުރާތާ މިއަދަށް ވަނީ ތިން ދުވަސްވެފައެވެ. ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލަން ދުނިޔޭގެ ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް މިހާތަނަށް އައިއިރު، އެފަދަ އެއްވެސް މަންޒަރެއް ފެނިފައެއް ނުވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ގައުމުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އަދިވެސް ނިމުމަކަށް ނާންނަ ކަމަށް ބުނެފައެވެ. އަދި އިސްރާއީލްގެ މީހުންނަށް އަނިޔާ ކުރަން އަންނަ މީހުންގެ ގައިން "ލޭ އޮހޮރުވާލާނެ" ކަމުގެ ޔަގީން ކަން ނަތަންޔާހޫ ވަނީ ދީފައެވެ.

ދެ ފަރާތުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އެންމެ ބޮޑަށް މަޝްވަރާ ކުރަމުން އަންނަ ބަޔަކީ މިސްރެވެ. އެކަމަކު، އެ މަޝްވަރާތަކުގައި އަލިމަގެއް ނުފެނެއެވެ. މި މައްސަލައިގައި ޖޯޑަން އާއި ފްރާންސާއި ޖަރުމަނުން ވަނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ގޮވާލައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްލާމިކް ޖިހާދުން ހަމަލާތައް ދިނުން ހުއްޓާލާނީ އެމީހުންގެ ކޮމާންޑަރުންނަށް އަމާޒުކޮށް ހަމަލާ ނުދޭނެ ކަމަށް އިސްރާއީލުން އެއްބަސްވުމުންނެވެ. ނަމަވެސް މިއީ އިސްރާއީލުން އެއްބަސްވާނެ ކަމެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ތިން ދުވަހުގެ ތެރޭގައި އިސްލާމިކް ޖިހާދުގެ ފަސް ކޮމާންޑަރުން ވަނީ ޝަހީދުކޮށްލައިފައެވެ.