ސޯމާލިއާގެ ވެރިކަންކުރާ މޮގަދިޝޫގައި ދިން ބޮމުގެ ހަމަލާއެއްގައި އެޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރ، ހުސައިން އެލަބޭ ފަހިޔާ މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާ ދީފައިވަނީ، މޮގަދިޝޫގައި ސަލާމަތީ ބާރުތަކުން ޤާއިމްކޮށްފައިވާ ޗެކްޕޮއިންޓެއްގެ ކައިރީގައި ބޮން ހަރުކޮށްފައިވާ ކާރެއް ގޮއްވާލައިގެންނެވެ. އިއްޔެގެ ވަގުތެއްގައި ދިން މި ހަމަލާގައި ކުރީގެ ފޮރިން މިނިސްޓަރުގެ އިތުރުން އިތުރު އަށް މީހަކު މަރުވެފައި ވާއިރު، 13 މީހަކަށް އެކި ވަރުގެ ޒަޚަމް ލިބިގެން ދަނީ ފަރުވާދެމުންނެވެ.

މި ހަމަލާ ދިންތާ ގިނައިރެއް ނުވަނީސް ސޯމާލިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ އަލް ޝަބާބުން ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، އެ ޖަމާއަތުން ބުނެފައިވަނީ ހަމަލާ އަމާޒުކުރީ ސޯމާލިއާގެ ރައީސާއި ބައްދަލު ކުރުމަށް ދަތުރުކުރި އެޤައުމުގެ އިސް އޮފިޝަލުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ކަމަށެވެ.

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ އިތުރުން ސަލާމަތީ ބާރުތަކުގެ ބައެއް އޮފިޝަލުންވެސް ހިމެނެއެވެ. ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އާންމުން ކަމަށް ނޫސްތަކުން ބުނެއެވެ.

ސޯމާލިއާގެ ވެރިކަންކުރާ މޮގަދިޝޫއަކީ މި ހަމަލާގެ ފަހަތުގައިވާ އަލް ޝަބާބުގެ ބޮޑު ކޮންޓްރޯލެއް ކުރިން އޮތް ސިޓީއެކެވެ. އެ ސިޓީގެ އިތުރުންވެސް މީގެ ކުރިން ސޯމާލިއާގެ ގިނަ އަދަދެއްގެ އަވަށްތަކަށް މި ޖަމާޢަތުން ބާރު ފޯރުވާފައި ވެއެވެ. ނަމަވެސް ސޯމާލިއާގެ ސަލާމަތީ ބާރުތަކުން ވަނީ އެ ޖަމާޢަތުގެ ބާރުތައް މީގެ ތެރެއިން ގިނަ އަވަށްތަކުން ކަނޑުވާލާފައެވެ.

ސޯމާލިއާގައި އަލް ޝަބާބު ޖަމާޢަތުން ނިރުބަވެރި ހަމަލާތައް ދެމުންދާތާ 15 ވަރަކަށް އަހަރު ވަނީ ވެފައެވެ. އެ ޖަމާޢަތުން މަސައްކަތް ކުރަމުން ދަނީ ސޯމާލިއާގައި ޤާއިމްކޮށްފައިވާ ސަރުކާރު ވައްޓާލުމަށެވެ.