ކާގޯ އުފުލާ ބިޔަ އާގުބޯޓެއް، ކަނޑުމަތީގެ ހާދިސާއެއްގައި އަޑިޔަށްގޮސް އެއިން ދަތުރުކުރި އެކަކު މަރުވެ ތިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ޖަޕާނުގެ އިރުމަތީ އައްސޭރީގެ ސަރަޙައްދަކުން މި އާގުބޯޓު އަޑިޔަށް ގޮސްފައިވަނީ، އެ ސަރަޙައްދުން ދަތުރުކުރި އެހެން އާގުބޯޓެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބޯޓުން ބައެއް ފަޅައިގެން ގޮސް ލިބުނު ގެއްލުންތަކާއި ގުޅިގެންނެވެ. ނޫސްތައް ބުނާގޮތުގައި އެ ބޯޓު ވަނީ އެކްސިޑެންޓު ހިނގިތާ ގިނައިރެއް ނުވެ އެކީ އަޑިޔަށް ގޮސްފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނީ މި ހާދިސާގައި އެކަކު މަރުވެފައިވާކަން މިހާތަނަށް ޔަޤީން ކުރެވިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓު ހިނގި ވަގުތު ބޯޓުގައި ތިބި ތިން މީހަކު ގެއްލިފައި ވުމުން، އެމީހުން ހޯދުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ހާދިސާގައި އަޑިޔަށް ދިޔަ ފައްސަތޭކަ ޓަނުގެ ބަރު އާގުބޯޓު މިހާރު އޮތީ ހާދިސާ ހިނގި ސަރަޙައްދުން ކަނޑުގެ ސަތޭކަ ފޫޓު އަޑީގައެވެ. އެކްސިޑެންޓުގައި ދެވަނަ ބޯޓަށްވެސް ބޮޑެތި ގެއްލުން ލިބިފައި ވާއިރު، ހާދިސާ ހިނގި ވަގުތު އޭގައި ތިބި ހަތަރު ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.

މި ހާދިސާ ހިނގި ސަރަޙައްދުގައި ބޯޓުން ލީކުވީ ގިނަ އަދަދެއްގެ ތެޔޮ މިހާރު ދަނީ ފެތުރެމުންނެވެ. އަދި އެކްސިޑެންޓުވީ ވަގުތު ބޯޓުގައި ހުރި 1600 ޓަނުގެ ދަގަނޑުވެސް ވަނީ އެ ސަރަޙައްދުން ކަނޑުގެ އަޑިޔަށް ގޮސްފައެވެ. މި އެކްސިޑެންޓުވީ، ޖަޕާނުގެ އިރުމަތީގައި އޮންނަ ކަށީމާއިން އެޤައުމުގެ އޮސާކާއަށް ބޯޓު ނައްޓާލި ވަގުތު ކަމަށް ވެއެވެ.

ގެއްލުންބޮޑު ނުރައްކާތެރި މި ހާދިސާ އާއި ގުޅިގެން ޖަޕާނުގެ ކޯސްޓްގާޑާއި އެޤައުމުގެ އަސްކަރީ އެހެނިހެން އިދާރާތަކުގެ އިތުރުން ރެސްކިއު ޓީމުތަކުން ދަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބޯޓުގެ ކެޕްޓަން ހިމެނޭގޮތަށް، އެކްސިޑެންޓުގައި ގެއްލިގެން ހޯދަމުން ދަނީ ޖަޕާނަށް ނިސްބަތްވާ ތިން މީހުންނެވެ. އަދި މި ހާދިސާގައި މަރުވީވެސް އެޤައުމަށް ނިސްބަތްވާ މީހެކެވެ.