އިރާގާއި ސީރިޔާގެ ބޮޑު ބަޔަކަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކޮށްލެވިއްޖެ ކަމަށް 2017 ވަނަ އަހަރު އެ ދެ ގައުމުން އިއުލާން ކުރިނަމަވެސް އައިއެސް އިން މިހާރު މެދުއިރުމަތި ސުންނާފަތި ކުރުމަށް ގެންގުޅޭ ހަތިޔާރަކީ ޖަންގަލިތަކުގައި ރޯކުރުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އައިއެސް ޖަމާއަތުން ކޮންމެ ހަފްތާއަކު ނެރޭ އަލް- ނަބާ ނިއުސް ބުލެޓިންގައި އައިއެސް ޖަމާއަތުގެ ހަގުރާމަވެރިން ބުނީ މި ހޫނު މޫސުމުގައި އިރާގު އަދި ސީރިއާގެ ދަނޑުބިންތަކުގައި ހުޅު ހަޖާނެ ކަމަށެވެ. އައިއެސް ވަނީ މިހާރުވެސް އިރާގުގެ ޖަންގަލިތަކާއި ދަޑުބިން ތަކުގައި ރޯވެފައިވާ އަލިފާނުގެ ޒިންމާ ނަނގާފައެވެ.

އިރާގުގެ ސިވިލް ޑިފެންސްއިން އިއްޔެ ހާމަ ކުރިގޮތުގައި ތިން ހަފްތާ ތެރޭ އިރާގުގެ 11 ޕްރޮވިންސެއްގެ 6000 އޭކަރުގެ ބޮޑު 136 ދަނޑުބިމެއްގައި ބަޔަކު ރޯކޮށް އަންދާލާފައިވާކަމަށެވެ.

އައިއެސްއިން މިހެން ބުނެފައިވާއިރު، އެމެރިކާގެ ކެލިފޯނިޔާގައި ދޭތެރެ ދޭތެރެއިން ޖަންގަލީގައި ރޯވާ އަލިފާނުގެ އަޑީގައި އައިއެސް ޖަމާއަތުގެ އަތެއް އޮތް ކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އައިއެސް ޖަމާއަތުން އިރާގުގެ މޫސަލްއާ ކައިރީގައިވާ ބައެއް ސަރަހައްދުތަކުގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް ހަމަލާ ބަދަލުކުރުންތަށް ކުރިއަށް ދާއިރު އިރާގާއި ސީރިޔާގެ ބޮޑު ސަރަހައްދަކަށް 2014 ވަނަ އަހަރުން ފެށިގެން ވެރިވެގެން އުޅުނު އައިއެސް ޖަމާއަތް ބަލިކޮށްލެވިއްޖެ ކަން އެ ދެ ގައުމުން ރަސްމީކޮށް އިއުލާން ކުރީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އައިއެސްގެ ބާރު މިހާރު ކަޑުވާލާ އެ މީހުންގެ އަތްދަށުން ހުރިހާ ބިންތަކެއް އަނބުރާ ހޯދި ނަމަވެސް ހުޅަގުގެ ބާރުގަދަ ގައުމުތަކުން ބުނަނީ އެ ޖަމާއަތުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.