އިއްޔެ ޝަރީއަތުގައި ކުއްލި ގޮތަކަށް އަވަހާރަވި މިސްރުގެ އިންތިހާބީ ރައީސް މުހައްމަދު މުރުސީ ކުއްލިގޮތަކަށް އަވަހާރަވި ސަބަބު ތަހުގީގު ކުރުމަށް މުުރުސީ ނިސްބަތްވާ މުސްލިމު ބްރަދާހޫޑް އިން ގޮވާލައިފިއެވެ.

އެސޯސިއޭޓެޑް ޕްރެސް އާއި ވާހަކަ ދައްކަވަމުން މުސްލިމު ބްރަދަހޫޑްގެ ގުނަވަނެއް ކަމަށްވާ އިސްލާމިކް އެކްޝަން ފްރޮންޓުގެ ސެކްރަޓަރީ ޖެނެރަލް މުރާދު އަދިލް ވިދާޅުވީ މުރުސީ އަކީ ޝަހީދެއް ކަމަށާއި އަދި ބަޠަލެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މުރުސީގެ މަރުގެ ޒިންމާ މިސްރުގެ މިހާރުގެ އަސްކަރީ ސަރުކާރުން ނަގަންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވެދިޔަ ހަތް އަހަރު މުރުސީ އަށް ރަގަޅު ސިއްހީ ފަރުވާއެއް ދީފައި ނުވާކަމަށެވެ.

2013 ވަނަ އަހަރު މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ ވަނީ އަސްކަރީ ބަގާވާތަކުން މުރުސީ މަގާމުން ދުރުކުރުމަށްފަހު، މުސްލިމް ބްރަދަހޫޑް އެގައުމުގައި ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ފާސްކޮށްފަ އެވެ.

މިޞްރުގެ ޝަރުޢީ ދާއިރާގެ ބޭފުޅަކާއި ހަވާލާދީ އިއްޔެ އަލް ޖަޒީރާ އިން ބުނީ ޝަރީޢަތުގައި މުރުސީ އެއްވެސް ހާސްކަމެއް ނެތި ހިނިތުންވުމާއެކު ވާހަކަ ދައްކަމުން ދަނިކޮށް ހޭފުޅުނެތުނީ ކަމަށެވެ.

މުރުސީގެ ހަށިކޮޅު މިހާރު ވަނީ ފަސްދާނުލާފައެވެ. މުރުސީގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ހަމައެކަނި އާއިލާ މެންބަރުންނަށެވެ.

ފަހުގެ ތާރީޚެއްގައި އިސްލާމީ ދުނިޔެދުއް އެންމެ ހިތްވަރުގަދަ މުސްލިމް ލީޑަރު ކަމަށްވާ މުރުސީ އަކީ މިސްރުގެ ހުދުމުހުތާރު ރައީސް ހުސްނީ މުބާރަކްގެ ވެރިކަމަށް ފަހު ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅާއެވެ.